11 Feb 2018, 18:09
ރާއްޖޭގައި މިދިޔަ އަންގާރަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދު މަދުވަމުންދާ މައްސަލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރާ ސަރުކާރުން މަޝްވަރާ ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގައި މިފަހަކުން އުފެދުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ރާއްޖޭގައި ޗައިނާ ފަތުރުވެރިން ހޭދަ ކުރާ ދުވަސްތަކުގައި ސަމާލުވެ ތިބުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީ އެއް ނެރުނެވެ.
އަދި އެ ޓްރެވަލް އެޑްވައިޒަރީ ނެރެފައި ވަނިކޮށް، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ރާއްޖޭގެ ހާލަތު ރަނގަޅު ވަންދެން ޗައިނާ ރައްޔިތުން ރާއްޖެއަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ޗައިނާ ފޮރިން މިނިސްޓްރީން އިލްތިމާސް ކުރިއެވެ.
އެމްއެމްޕީއާރުސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޗައިނާ އިން އަންނަ ފަތުރުވެރިންގެ އަދަދު މި ދުވަސްވަރު މަދުވަމުން އެކަމުން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާ ސަފީރު ޒަންގް ލިޒޯންގްއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މަޝްވަރާ ތަކުގެ އެއްވެސް ތަފްސީލެއް ޓްވީޓުގައި ހިއްސާ ކޮށްފައެއް ނުވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ޗައިނާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމެވެ. އަދި މިމަހުގެ 16 ވަނަ ދުވަހަކީ ޗައިނީޒް ނިއު އިޔާ ކަމުން، ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްކޮޅެކެވެ.