ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެމަނިކުފާނާ ބައްދަލު ނުކުރެއްވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ރައީސް މައުމޫނުގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފިއެވެ.

މައުމޫންގެ ވަކީލުން މިއަދު ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި ލޯޔަރުންނާއި އާއިލާ ބައްދަލުކުރުމަށް އެދި ފޯމް ހުށަހެޅުމަށް މިއަދު ކަރެކްޝަން އޮފީހަށް ދިއުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން އެކަމަށް ހުއްދަ ނުދެވޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގްމާނާ ގުޅުމުން އޭނާ ވިދާޅުވީ، އެއީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ޖަލު އެލާޓް ކޮށްފައި އޮންނަ ހާލަތްތަކުގައި އަމަލުކުރާ އުސޫލު ކަމަށެވެ.

މައުމޫނާ ބައްދަލުނުކުރެއްވޭތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައި، ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށަހަޅުއްވާފައިވަނިކޮށް ކަރެކްޝަނުން ވަނީ ވަކީލުންނަށް މައުމޫނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ދީފައިވާ ކަމަށް ބުނެފައެވެ.

"ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު. އަދި މިހާރު ވަނީ ފޯނު މެދުވެރިކޮށް އަދި ޒިޔާރަތްކޮށްގެން ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ހުއްދަ ދީފައި،" ލުގްމާން ވިދާޅުވިއެވެ.

މައުމޫންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވަކީލުންނަށް ދިން ނަމަވެސް މާފުށީ ޖަލުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމުން އާއީލީ ބައްދަލުވުން އަދި ދެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި ޖަލު އާންމު ހާލަތަކަށް ރުޖޫއަވުމާ އެކު އާއިލާއަށް ބައްދަލުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.

ރައީސް މައުމޫން ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ދޫނިދޫއަށެވެ. ނަމަވެސް އެއްދުވަސް ފަހުން އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކުރައްވާފައެވެ.