12 Feb 2018, 11:00
ހުސްވި އަހަރު އެޕަލް ކުންފުނިން ވަނީ ތިން ފޯނެއް ބާޒާރަށް ނެރެފައެވެ. އައިފޯނު8، އައިޕޯނު8 ޕްލަސް އަދި އައިފޯނު އެކްސްއެވެ. އަގުތައް އުޅެނީ 700 ޑޮލަރުން ފެށިގެން 1000 ޑޮލަރާ ހަމައަށެވެ.
އައިފޯނު އެކްސް ނެރުމާއެކު އެކުންފުނީގެ ފޯނުތަކުގެ މުސްތަގުބަލް އޮތީ ކިހިނެއްކަން ހާމަވެގެން ދިޔައެވެ. ނަމަވެސް ޓެކް އިންޑަސްޓްރީގެ ގިނަ ބަޔަކު އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އައިފޯނު އެކްސް އަށްވުރެ އައިފޯނު 8 ގަތުން މާ ރަނގަޅެވެ.
މީގެ ސަބަބުތައްވެސް އެފަރާތްތަކުން ވަނީ ބަޔާންކޮށްފައެވެ. އެއްކަމަކީ އައިފޯނު އެކްސްގެ އަގު ބޮޑުވުމެވެ. އެކްސްގެ އަގު ފެށެނީ 1000 ޑޮލަރުންނެވެ. އައިފޯނު 8ގެ އަގު ފެށެނީ 700 ޑޮލަރުންނެވެ. މި ދެ މޮޑެލްއަކީވެސް އެއް ސިކުނޑިއަކުން މަސައްކަތް ކުރާ ދެ މޮޑެލްއެވެ. އައިފޯނު އެކްސް އަދި 8ގައިވެސް ހިމެނެނީ އޭ11 ބަޔޮނިކް ޗިޕްސްއެވެ. ދެ މޮޑެލްގައިވެސް ހިމެނެނީ އައިއޯއެސް 11 އެވެ. ހަމައެކަނި ތަފާތަކީ އެކްސްގައި ފޭޝަލް ރިކޮގްނިޝަން ހިމެނޭކަމެވެ.
ނަމަވެސް ފޭސް އައިޑީއަށްވުރެ ޓަޗް ރިކޮގްނިޝަން މަސައްކަތް ކުރާ މިންވަރު އަވަސްކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. މީގެ އިތުރުން އައިފޯނު އެކްސް އާ އެއްގޮތަށް އައިފޯނު 8 އަދި 8 ޕްލަސް އަކީ ވަޔަލެސް ޗާޖިން ސަޕޯޓުކުރާ ދެ ޑިވަސްއެވެ. ދެ މޮޑެލްގައިވެސް ހިމެނެނީ އެއްވަރެއްގެ ކެމެރާއެވެ.
ބިޒްނަސް އިންސައިޑާ