11 Feb 2018, 12:21
ސުޕްރީމް ކޯޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޒުލުކުރުމަށް، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރަކު ދެކޮޅު ހެއްދެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރެފައިވާ ކޯޓު އަމުރެއްގައި، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ޖަލުންނާއި ބަންދުން މިނިވަން ކުރުމަށް އަމުރު ކުރި އެވެ. ނަމަވެސް ސަރުކާރުން އަމުރުގެ އެ ބަޔަށް އަމަލު ކޮށްފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިނގިރޭސި ބަހުން އަޕްޑޭޓުކޮށް، ނެރެމުންދާ "ރަސްމީ ސްޓޭޓްމެންޓް"ގައި ބުނެފައިވާ ގޮތުގައި ފެބްރުއަރީ ދެވަނަ ދުވަހު އެ އަމުރާ ގުޅޭ ގޮތުން ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް، އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑިއު ޕްރޮސެސްގެ ތެރެއިން ކަންކަން ކުރުމަށް އަންގާފައިވާ ކަމަށެވެ.
ފެބްރުއަރީ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓަށް އިރު، އެރޭ ސުޕްރީމް ކޯޓުން އަމުރެއް ނެރި، ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ކަމަށް ކަނޑައެޅި ކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފެބްރުއަރީ ތިން ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ބެންޗުން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓުގެ ބެންޗުގައި ތާވަލު ކުރި ކަމަށެވެ.
"އެ މައްސަލަ ތާވަލު ކުރީ އުއްތަމަ ފަނޑިޔާރު، އަދި ކޯޓުގެ ޗެމްބަރުގައި އެކަމުގެ ބަހުސް ހިނގައި ދިޔަ. ދައުލަތުގެ ފަރާތުން ވާހަކަ ދެއްކުމަށް ބަންޑާރަ ނައިބަށް ފުރުސަތެއް ނުލިބޭ. އަދި ރައީސުލްޖުމްހޫރިއްޔާ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުދޭ،" ރައީސް އޮފީހުގެ ރަސްމީ ސްޓޭޓްމެންޓުގައިވެ އެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނ، ބެންޗުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ތައީދާ އެކު އެ މައްސަލަ ބޭރު ކުރެވުނު ކަމަށެވެ.
"މައްސަލަ ބޭރުކުރީ، އެ މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ނުލިބޭތީ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
އެ މައްސަލައާ ދެކޮޅު ނެހެދި ދެ ފަނޑިޔާރުންގެ ނަމެއް، އަދި އެ މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވި ތިން ފަނޑިޔާރުންގެ ނަމެއް ރައީސް އޮފީހުން އާންމެއް ނުކުރެ އެވެ. އަދި އެ ވޯޓުގެ ކަންކަން ހިނގައި ދިޔަ ގޮތް ރައީސް އޮފީހަށް އެނގުނު ގޮތެއް ވެސް ރައީސް އޮފީހަކުން ނުބުނެ އެވެ.
އެހެން ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވަނީ، ގާނޫނީ ސަރުކާރު ބަގާވާތަކުން ވައްޓާލަން އުޅުނު ކަމުގެ އެވެ. އަދި ޖުޑީޝަލް ސާވިސެސް ކޮމިޝަނުން ވަނީ އެ ދެ ފަނޑިޔާރުން ސަސްޕެންޑު ވެސް ކޮށްފަ އެވެ.
ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުން ވެސް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށެވެ.