މީގެ ކުރިން ގަޑީގެ މާކެޓްގައި އެންމެ ކުރީގައި އުޅޭނީ ސްވިސް ގަޑިއެވެ. ސްވިޒަލޭންޑުގެ އުފެއްދުންތަކެވެ. ނަމަވެސް ސްވިސް ކުންފުނިތައް ފަހަތަށް ޖައްސާލުމަށްފަހު އެޕަލްއިން މިވަނީ ގަޑީގެ މާކެޓުގައިވެސް ކުރި ހޯދައިފައެވެ.

ހުސްވި ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ސްވިސް ވޮޗް އިންޑަސްޓްރީން އެ ކުއާޓަރުގައި ވިއްކި ގަޑިތަކަށްވުރެ ގިނަ ގަޑި އެޕަލްއިން ވަނީ ވިއްކައިފައެވެ. އެގޮތުން އަށް މިލިއަނެއްހައި އެޕަލް ވޮޗް މިދިޔަ ކުއާޓަރުގައި އެކުންފުނިން ވިއްކި ކަމަށް ހިސާބުތައް ދައްކައެވެ.

އެޕަލްއިން ގަޑި އުފައްދަން ފެށިތާ އަދި މިވީ ހަތަރު ވަރަކަށް އަހަރެވެ. ސްވިޒަލޭންޑުގެ ކުންފުނިތަކުން މި ވިޔަފާރީގައި އުޅޭތާ ގަރުނަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މިދިޔަ ކުއާޓަރުގަައި އެޕަލް ވޮޗް ވިކުނު އަދަދު ވަނީީ 50 ޕަސެންޓު އިތުރުވެފައެވެ. މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ސްވިސް ކުންފުނިތަކުން އުފައްދާ ގަޑިތަކަކީ އަގުބޮޑު އުފެއްދުންތަކެކެވެ. ރޮލެކްސް ބްރޭންޑުގެ ގަޑިއެއް ވެސް ލިބެނީ 10000 ޑޮލަރަށްވުރެ މަތީ އަގެއްގައި ކަމަށާއި އެޕަލްއިން ވިއްކާ އެންމެ އާދައިގެ ގަޑިއެއް 180 ޑޮލަރަށް ލިބޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް ސްވިސް ކުންފުނިތަކުންވެސް އަގުހެޔޮ ގަޑި ވިއްކާކަން ވަނީ ފާހަގަކޮށްފައެވެ.

އެޕަލްއިން ގަޑީގެ މާކެޓުގައި ކުރި ހޯދާފައިވާއިރު ވާދަވެރި ކުންފުނިތައް ކަމަށްވާ ސެމްސަންގް އަދި ގޫގުލް އިންވެސް ގަޑި އުފައްދާއިރު އެކުންފުނިތަކުގެ ސޭލްސް އެޕަލް އާ ކައިރި ވަރަކަށްވެސް މަތިވެފައެއް ނުވެއެވެ.