ލޯޔަރުންނާއި އާއިލާގެ މެމްބަރުންނަށް ވެސް، ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލު ނުކުރެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް މައުމޫންގެ އާއިލާއިން ބުނެފިއެވެ.

މައުމޫންގެ އާއިލާއާ ހަވާލާދީ މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް 'ސަން' އަށް ވިދާޅުވީ، މާފުށީ ޖަލުގައި މިހާރު ހުންނެވި މައުމޫނަށް ބައެއް ތަކެތި ފޮނުވުމަށާއި ލޯޔަރުންނާއި އާއިލާ ބައްދަލުކުރުމަށް އެދި ފޯމް ހުށަހެޅުމަށް މިއަދު ކަރެކްޝަން އޮފީހަށް ދިއުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން އެކަމަށް ހުއްދަ ނުދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ކަރެކްޝަންގެ ކައުންޓަރުން އެގޮތަށް އެންގީ. ލޯޔަރުންނާއި ފެމިލީ މީޓް ކުރާ ފޯމާއި ބައެއް ތަކެތި ފޮނުވަން ދިއުމުން އެހެން ބުނީ. ނަމަވެސް ކައުންޓަރުން ބުނީ ފައިސާ ޖަމާ ކުރެވޭނެ ކަމަށް. އެގޮތަށް އެއްބަސްވީމަ ފަހުން އަނެއްކާ ބޭފުޅަކަށް ގުޅާފަ ބުނީ ފައިސާވެސް ޖަމާ ނުކުރެވޭނެ ކަމަށް،" އަލީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގްމާންއާ ގުޅުމުން ވިދާޅުވީ، އެއީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ޖަލު އެލާޓް ކޮށްފައި އޮންނަ ހާލަތްތަކުގައި އަމަލުކުރާ އުސޫލު ކަމަށެވެ.

އަދި އެ އުސޫލު ހައްޔަރުގައި ތިބި ކޮންމެ މީހަކަށްވެސް ހިނގާނެ ކަމަށާއި އެކަން އެމީހުންގެ އާއިލާތަކަށް އަންގާފައިވާނޭ ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ.

ލުގްމާން އެހެން ވިދާޅުވި ނަމަވެސް، ކުއްލި ހާލަތު އިއުލާންކުރި ފަހުން ވެސް މައުމޫންގެ އާއިލާއިން ވަނީ ދޫނިދޫގައި އެމަނިކުފާނާ ބައްދަލުކުރައްވައި ބައެއް ތަކެތި ވެސް ފޮނުއްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ އެއް ދުވަސް ފަހުން މައުމޫނާ ބައްދަލުކުރައްވަން ދޫނިދޫއަށް ވަޑައިގަތީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އާއި ދަރިކަލުން ފާރިސް މައުމޫނާއި ދެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނެވެ.