20 Aug 2011, 15:14
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޓޫރިޒަމް ވިޔަފާރި އަށް މިސްރާބު ޖަހައި، ޒަމާނުއްސުރެ އެކުންފުނިން ކުރަމުން އައި ރިޓެއިލް ވިޔަފާރި ހުއްޓާލުމާ މެދު ވިސްނަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ، ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެސްޓީއޯ އިން ދުރާލާ ރާވައިގެން ކުރަމުން އައި ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ސާފު ފައިދާގެ 30 ނޫނީ 25 ޕަސެންޓް ހިއްސާ ކުރާނީ ޓޫރިޒަމްގެ ވިޔަފާރިން ކަމަށެވެ.
"އެކަން ކުރާތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެއްޖެ. އެސްޓީއޯ އިން ޓޫރިޒަމް ސެކްޓާ އަށް ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. އޭގެ އަމަލީ ސިފައަކާ ހަމައަށް މިއައީ. ފުވައްމުލަކު އެއާޕޯޓު ނެގުމާ ގުޅިގެން ރަށެއް ލިބުނީ. އެހެންވެ އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ރިސޯޓް ތަރައްގީ ކުރަނީ ބ. މުތާފުށީގަ އެވެ.
ޝާހިދު ވިދާޅުވީ މުތާފުށީގައި ހަދާ 100 އެނދުގެ ރިސޯޓުގެ މަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ 18 މަސް ދުވަހުގެ ތެރޭގައި އެ ރިސޯޓުގެ މަސައްކަތް ނިންމުމަށް. އެހެންވީމާ މިއަންނަ އަހަރުގެ ޑިސެމްބަރަށް އެ މަސައްކަތް ނިމޭނެ،" ޝާހިދު ވިދާޅުވި އެވެ.
މުތާފުށީގެ އިތުރުން އެސްޓީއޯ އިން ހުޅުމާލޭގައި 500 އެނދުގެ ފަސްތަރީގެ ހޮޓަލެއް ތަރައްގީކުރަމަށް ވަނީ ތަނެއް ނަގައިފަ އެވެ.
ޝާހިދު ވިދާޅުވީ، ރިޓެއިލް ވިޔަފާރިއާ މެދު އެހެން ގޮތަކަށް ވިސްނަން ޖެހިދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން އެސްޓީއޯ އިން އަންނަނީ އެ ކުންފުންޏާ އެއްއަގެއްގައި މުދާ ވިއްކާނެ ރީޓެއިލަރުންތަކެއް ހޯދަމުން ކަމަށާއި އެޕްރޮޖެކްޓުގެ ދަށުން 10 ފަރާތަކަށް އެސްޓީއޯ އިން މިހާރު ވަނީ ތަކެތި ހޯލްސޭލް ކުރަން ފަށައިފަ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ އެސްޓީއޯ އިން ރިޓެއިލް ވިޔަފާރީގައި ދެމި އޮތުމާ މެދު ވިސްނާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ރިޓެއިލް ވިޔަފާރި އާ މެދު މުސްތަގުބަލުގައި ވިސްނަން. އެގޮތުން ރިޓެއިލަރުން މި ހޯލް ސޭލް ކޮށްގެން މިކޮޅާ އެއްއަގެއްގައި ވިއްކުން ކާމިޔާބުވެއްޖެ ނަމަ އެ ވިޔަފާރި އާއި ދުރަށްދާން ވެސް ޖެހިދާނެ. އެކަމަކު އެކަން ކުރުމުގެ ކުރިން އަޅުގަނޑުމެން ބަލާނަން މާކެޓަށް ވާނެ ގޮތެއް އަޅުގަނޑުމެން ރިޓެއިލް ނުކޮށް،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 118.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މޫނުމަތީ އަގު 50ރ.ގެ ހިއްސާ އަކަށް 68ރ. ވަނީ ބަހައިފަ އެވެ. ނިމިނިގެން ދިޔަ އަހަރު ހިއްސާދާރުންނަށް ފައިދާ ބެހި ހަމައެކަނި ޕަބްލިކް ކުންފުންޏަކީ ވެސް އެސްޓީއޯ އެވެ. އަދި މިއަހަރުގެ މިހާތަނަށް އެސްޓީއޯ ހިންގަމުން އަންނަނީވެސް ފައިދާގަ އެވެ.