ބޭރުގެ ކުލީ ސިފައިން ރާއްޖެ އަރަން ގޮވުމަކީ ދިވެހިން އެކަމަކާ ދެކޮޅު ހަދާ ކަމެއް ކަމަށާއި އަދި އެއީ އެކަމަށް ގޮވާލި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ހިސާބު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިފަހުން އުފެދުނު ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އަސްކަރިއްޔާއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ގޮވާލައި ނަޝީދު ކުރެއްވި ޓްވީޓަކަށް އިޝާރާތް ކުރައްވާ ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުން ނުގަބޫލުކަމެއް ދިވެހި ގައުމުގައި ނުކުރެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ދިވެހި ރައްޔިތުން ނޭދޭ ކަންކަމުގައި ސިޔާސީ ލީޑަރުން އުޅުއްވާނަމަ އެއީ އެ ލީޑަރެއްގެ ސިޔާސީ ހަޔާތް ހުއްޓަންޖެހޭ އަދި ހުއްޓުވަންޖެހޭ ހިސާބު ކަމަށެވެ. އެފަދަ ބޭފުޅަކަށް ވެރިކަން ލިބުނަސް ގައުމުގައި ކުރާނެ ކަމެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން މިކަމާ ދެކޮޅު ހަދާއިރު ކީއްވެގެންތޯ ދިވެހި ރައްޔިތުން ނުގަބޫލުކަމެއް ދިވެހި ގައުމުގަ ކުރަން މިއުޅެނީ. މިއީ އަޅުގަނޑު ދެކޭގޮތުގައި ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ނިމުން އަންނަ ހިސާބުހެން ސިފަކުރެވެނީ،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މިހާރު އޮތް ލީޑާޝިޕާއެކު އެޕާޓީގެ ސިޔާސީ ފިކުރު ވަޅުޖެހިގެންދާކަން ފާހަގަކުރައްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އެނބުރި އަންނަންޖެހޭ ކަމަށެވެ.

އަދި ގައުމަށް ހިޔާނާތްތެރިވެފައި ތިބި މީހުން ޕާޓީ ހަދައިގެން އުޅުމުގެ ފުރުސަތު ދިވެހި ރައްޔިތުންނެއް ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓީވީއެމްއިން އިއްޔެ ހަވީރު ގެނެސްދިން އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވަނީ ކުރީގެ ރައީސް މައުމޫނަށް ވެސް ފާޑުވިދާޅުވެފައެވެ.

އެގޮތުން 3 ނޮވެމްބަރު، 1988 ވަނަ އަހަރު ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކު މާލެ އަރައި 19 ދިވެހިން ޝަހީދުކޮށްލި ހާދިސާ، ހިނގިއިރު ވެރިކަމުގައި ހުންެނެވި ބޭފުޅަކު، ރާއްޖެއަށް މިފަހުން ގެނައި ބަޣާވާތުގެ ތެރޭގައި ޝާމިލުވުމަކީ މުޅި ދުނިޔެ ދައުލަތަށް މަލާމާތް ކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮން ގައުމެއްގަތޯ ގިނަ ދުވަހު ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން 30 އަހަރު ވެރިކަން ކުރައްވާފައި އަދިވެސް އެ ވެރިކަމުގެ ލައްޒަތާއި ޝައުނާ ޝައުގަތު ސަލާމަތް ނުވެވިގެން މިފަދަ ކަންކަމުގެ މައުލޫމާތު މި ލިބެނީ. މިއީ ރައްޔިތުން ލަދުވެތިކަމާއެކު ތާރީހުގައި ކަޅު އަކުރުން ލިޔާނެ ކަމެއް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.