11 Feb 2018, 01:20
ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމް ހިމެނޭ ގޮތަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ހަމީދުގެ އަނބިކަނބަލުން ސ. ހުޅުދޫ ކާމިނީގޭ ފާތިމަތު ނާސިރާ ހައްޔަރުކުރީ މިދިޔަ ހަފްތާގެ އަންގާރަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ނާސިރާގެ މައްޗަށް ކުރަނީ ޓެރަރިޒަމާއި ރިޝްވަތުގެ ކުށުގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނާސިރާގެ މައްޗަށް ކުރާ ތުހުމަތުތައް:
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ (ހ)ގެ އެއްވަނަ ނަންބަރުގައިވާ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުން
- ތިން ވަނަ ނަންބަރުގައިވާ ގާނޫނާ ހިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދު ގެންގުޅުން
- ފަސްވަނަ މާއްދާގެ (ހ)ގެ ހަތްވަނަ ނަންބަރުގައިވާ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތި ކުރުވަން އުޅުން
- ހަވަނަ މާއްދާގެ (ހ)ގައި "ޓެރަރިޒަމުގެ އަމަލެއް" ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރަން ނުވަތަ ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވުމުގެ ކުށް
ރިޝްވަތުގެ ކުށުގެ ދަށުން ނާސިރާގެ މައްޗަށް ކުރާ ތުހުމަތުތައް:
ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ، އަދި އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކާ އެ މަންފާ ގަބޫލުރުމަށް އެއްބަސްވުން އަދި އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން، އެކަންކަމުގެ މުގާބިލުގައި އޮތް އެއްޗަކަށްވުން
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދަށުން ކުރާ ތުހުމަތުތައް:
ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރު، ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތީން، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުން
ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގެ ދަށުން ކުރާ ތުހުމަތުތައް:
ގާނޫނުލްއުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގައިވާ ރަޔަޓްކުރުުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި، އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުން
އަލީ ހަމީދުގެ އަނބިކަނބަލުންނާއެކު އޭނާގެ ތިން ބޭފުޅަކު ވެސް މިހާރު ތިބީ ހައްޔަރުގައެވެ.
އަލީ ހަމީދުގެ މައްޗަށް ފުލުހުން ކުރަނީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ.
މީގެ ކުރިން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، އެ މައްސަލާގައި އަލީ ހަމީދާ ގުޅުންހުރި ކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާއިރު އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށެވެ.