11 Feb 2018, 08:49
ހެރީ ކޭންގެ ގޯލާއެކު ލަންޑަން ޑާބީގައި ޓޮޓެންހަމްއިން އާސެނަލް ބަލިކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޓޮޓެންހަމް ވާދަކުރި ލަންޑަން ޑާބީ ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. ވެމްބްލީގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ހަމައެކަނި ގޯލް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅުގައި އެއްވެސް ޓީމަކަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާ އިރު، މެޗުގެ 26 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކޭންއަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. އާސެނަލްގެ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ކޭން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ.

އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް، ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ޓޮޓެންހަމްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.
މެޗުގެ 49 ވަނަ މިނެޓުގައި ކޭން ގޯލް ޖެހީ ބެން ޑޭވިސްގެ ރީތި ހުރަސް، ބޮލުން ގޯލަށް ފޮނުވައިލައިގެންނެވެ. ކޭންގެ ގޯލަށްފަހު ޓޮޓެންހަމްއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އާސެނަލް އޭރިއާ ތެރޭގައި ހުރެ ކޭން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އާސެނަލްގެ ކީޕަރު ޕީޓާ ޗެކެވެ.
އޭގެ ތިން މިނެޓުފަހުން ޓޮޓެންހަމްގެ ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފޮނުވާލި ރީތި ހިލޭ ޖެހުންވެސް ޗެކު ވަނީ މަތަކޮށްފައެވެ.
މެޗު ނިމެންދަނިކޮށް އާސެނަލްގެ އެލެކްޒެންޑްރާ ލަކަޒެޓަށްވެސް ވަނީ ގޯލް ޖަހާނެ ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ މެޗަށް ނުކުތީ ދެވަނަ ހާފުގައެވެ.

ލަކަޒެޓް: އާންމުކޮށް ވެންގާގެ ފުރަތަމަ 11 އިން ޖާގަ ލިބޭ ކުޅުންތެރިއެއް ނަމަވެސް ރޭގެ މެޗުގައި އޭނާ ކުޅެން ނުކުތީ ދެވަނަ ހާފްގައި --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި ކޭން ޖެހި ގޯލަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 23 ވަނަ ގޯލެވެ. މި މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ވަގުތީ ގޮތުން އިނގިރޭސި ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. މިވަގުތު ހަތަރުވަނައިގައި އޮތް ލިވަޕޫލްއިން މާދަމާ ރޭ ސައުތު ހޭމްޓަންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ނުކުރެވިއްޖެނަމަ ޓޮޓެންހަމްއަށް ތިންވަނައިގައި ހަމަޖެހިލާނެ ފުރުސަތު ލިބޭނެއެވެ.
ރޭގެ މެޗުން ބަލިވެ އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ.