10 Feb 2018, 21:40
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަގުތުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ފަނަރަ ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ފުލުހުން ހައްޔަރުކުރީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އެބޭފުޅުން ސުޕްރީމް ކޯޓުގެ ތެރޭގައި ހުންނަވަނިކޮށެވެ.
ފުލުހުންގެ އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އުއްތަމަ ފަނޑިޔާރުގެ ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމުގެ ތުހުމަތުގަ އެވެ.
އޭގެ އިތުރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރަން އުޅުނު ކަމާއި ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމުގެ ތުހުމަތު ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރެއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑާލާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
އަދި އެމަނިކުފާނު ބަންދު ކޮށްފައިވަނީ ސިޔާސީ ދައުވާތައް ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށް އެކަމާ އިންތިހާ ކަންބޮޑުވުމާ ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ތަހުގީގު ކުރުމުގައި ނަމުގައި، ފުލުހުން ކުރަމުންގެންދާ ބޮޑު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލައި އުއްތަމަ ފަނޑިޔާރު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށް މިހާރު ތަހުގީގު ކުރަމުން ގެންދަނީ ކަނޑައެޅިގެން ގާނޫނުތަކާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ، އެކަމުން ދޭހަވަނީ ރާއްޖެގައި މިހާރު ގާނޫނުގެ ވެރިކަން ހިނގާ ސަރުކާރެއް ނެތް ކަމަށެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތި، އެކަން އިއުލާން ކުރުމަކީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ހިންގޭ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ޖަރީމާއެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ.