ސީރިއާއާ އިރާގުގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ބައެއް ދިވެހީން އެނބުރި ރާއްޖެ އައިސް، މިހާރު ދިވެހި ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުގައި މިއަދު ޝާއިއުކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސީރިއާއާއި އިރާގުގައި ހަނގުރާމަކުރުމަށް ދާ ބައެއް މީހުން އެނބުރި ރާއްޖެ އައިސް، ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސްއާއި އިމިގްރޭޝަނުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމަށް ރައްދު ދެމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ތެދެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ، ފުލުހުންގެ މުއައްސަސާއަކީ ދިވެހި މުޖުތަމައަށް ހަމަ ހަމަ ކަމާއެކު ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާއެއް ކަމަށާއި، ކުރީގެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

"އެެއީ ތެދު ވާހަކައެއް ނޫން. އެވާހަކައަކީ އަމިއްލަ ފައިދާއެއް ހޯދުމަށާއި، ފުލުހުންގެ ޚިދުމަތަށް އޮތް އިތުބާރާ މެދު ޝައްކު އުފެއްދުމަށް ދައްކާފައިވާ ވާހަކައެއް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ފުލުހުންނާ ދޭތެރޭ ސާބިތު ނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށާއި، އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުގައި ވަނީ، ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ފޮނުވާ ނެޓްވޯކެއް ވެސް ރާއްޖޭގައި ވާކަމަށް ކަމަށެވެ.