10 Feb 2018, 19:09
ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، މެޗު ކެންސަލް ކުރަން ގޮވާލުމުން ހިތާމަކުރާކަމަށް ޓީސީ ސްޕޯޓްސް ކްލަބުން ބުނެފިއެވެ.
ޓީސީގެ ފަރާތުން އެ ކްލަބުގެ ބާނީ އަހްމަދު ނަޝީދު (ޑޭވް) މިހެން ވިދާޅުވެފައިވަނީ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ފުރަތަމަ ލެގުގައި މިމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗު ފަސްކުރުމަށް ގޮވާލައި މަހުލޫފް ޓްވީޓް ކުރެއްވުމުންނެވެ.
#Maldivesfootball league is postponed due to#StateOfEmergency.Ex President@maumoonagayoom& many more including Chief Justice is arrested.2@AFPreporters including an indian was arrested yesterday.@FIFAcom&@theafcdotcomshould reconsider the match on tuesday@bengalurufcpic.twitter.com/g3qvPxgtxu
— Ahmed Mahloof (@AhmedMahloof)February 10, 2018
މަހުލޫފުގެ ވެރިފައިޑް ޓްވިޓާ އެކައުންޓުގައި އޭއެފްސީގެ އިތުރުން ފީފާ އަދި އިންޑިއާގެ ބެންގަލޫރު އެފްސީވެސް މެންޝަންކޮށް ކުރި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށާއި، މެޗު ފަސްކުރުމަށް ގޮވާލާ ކަމަށެވެ.
ޓީސީގެ ފަރާތުން ޑޭވް ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗެއް އެފަދަ ގޮތަކަށް ފަސްކޮށްފިނަމަ އެކަންވާނީ ޓީސީ ފަދަ ކްލަބަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށެވެ.
"ފައިނޭންޝިއަލީ ލިބޭވެ ވަރަށް ވަރަށް ބޮޑު ގެއްލުމަކަށް އެކަން ވާނީ. އެފަދަ ދޮގު ވާހަކަތައް ދައްކައިގެން ޓީސީއަށް ދެ ލެގު އިންޑިއާގައި ކުޅެން ޖެހިއްޖެ ނަމަ އެކަން ނުވާނެ ޓީސީ ފަދަ ކްލަބަކަށް. އެއީ ކްލަބަށް އަދި ފުޓުބޯޅައަށް ލިބޭނެ އެންމެ ބޮޑު ގެއްލުން. އެހެންވީމަ ހިތާމަކުރަން އެކަން އެގޮތަށް ކުރާތީ،" ޑޭވް ވިދާޅުވިއެވެ.
ޑޭވް ވިދާޅުވީ ކްލަބުތަކަށް މިހާރު ފައިސާގެ ގޮތުން ނޭވައެއް ލެެވެނީ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ދޭ ފައިސާގެ ސްޕޮންސާޝިޕްގެ ސަބަބުން ކަމަށާއި، އެކަން ހުއްޓުވާލުމަށްވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަހުލޫފް ވަނީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރުކަން ކޮށްފައެވެ.
އޭއެފްސީ ކަޕުގެ ކޮލިފައިންގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗަށް ބެންގަލޫރު އެފްސީ މާދަމާ މާލެ އައުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ކަންކަން ފުރިހަމައަށް ބަލަހައްޓައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްއެންޑީއެފްއިން ވަނީ ދީފައެވެ. ރާއްޖޭގައި މެޗު ކުޅެވޭނެކަމަށް އޭއެފްސީން ވެސް ވަނީ ބުނެފައެވެ.