އުދުވާނީ ހަމަލާދިނުމަށްޓަކައި ސޫރިޔާގެ ވައިގެ ސަރަހައްދަށް ވަން އިސްރާއީލުގެ އަސްކަރީ ފައިޓަރ ޖެޓެއް ސޫރިޔާއިން ވައްޓާލުމުން އިސްރާއީލުގެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އިސްރާއީލުގެ އަސްކަރިއްޔާގެ ގާބިލްކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި އެބިންތަކަށް ވެރިވެގަނެގެން އުޅޭ ގައުމަކަށްވާތީ އިސްރާއީލުން އަމާންކަން ހޯދަނީ އެގައުމުގެ އަސްކަރީ ބާރަކީ އެއާ ކުރިމަތި ނުލެވޭފަދަ އާދަޔާ ޚިލާފު ބާރެއްކަމުގެ އަގީދާ އެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި އަށަގަންނުވައިގެންނެވެ.

މި އަގީދާއަށް ލޮޅުމެއް އަރައި އިސްރާއީލުގެ މައްޗަށް އަރަބިންނަށް ނަސްރު ހޯދޭނެ ކަމުގެ އިޙްސާސް ކުރެވިއްޖެނަމަ އިސްރާއީލަށް ހިޖްރަކޮށްގެން އުޅޭ ޔަހޫދީން އިސްރާއީލު ދޫކޮށް އެމީހުންގެ ގައުމުތަކަށް ދާނެތީއާއި އެހިސާބުން އިސްރާއީލުގެ ވުޖޫދު ނޯންނާނެތީ އިސްރާއީލުގެ އަސްކަރީ ބާރަކީ ފަލަސްތީނުގެ ބިމުގައި ގަދަބާރުން އިސްރާއީލުގެ ދައުލަތަށް ދެމިއޮތުމަށް ޒަޔަނިސްޓް ޔަހޫދީންނަށް ވަރަށް މުހިއްމު އެއްޗަކަށްވަނީ ވެފައެވެ.

މި ޔަގީންކަން ކުޑަވެގެންދާ ކޮންމެ ފަހަރަކު އިސްރާއީލުގެ ޔަހޫދީންގެ އެތަށް ބަޔަކު އެގައުމު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށްވާ ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާއަށް ހިޖްރަކުރެއެވެ. ސައްދާމް ޙުސައިންގެ ވެރިކަމުގައި އިރާގުން އިސްރާއީލަށް ފޮނުވާލި ސްކަޑް މިސައިލްތައް އިސްރާއީލަށް އަރައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުންވެސް ޔަހޫދީން ބިރުގަނެ އެތަށް ހާސް ޔަހޫދީންނެއް އިސްރާއީލު ދޫކޮށް އެމެރިކާއަށާއި ޔޫރަޕަށް އެނބުރި ދިޔައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ސޫރިޔާއިންވަނީ އެގައުމަށް ވައިގެ މަގުން ޙަމަލާދޭން މަސައްކަތްކުރި އިސްރާއީލުގެ އަސްކަރީ ފައިޓަރ ޖެޓެއް ވައްޓާލާފައެވެ. އިސްރާއީލުންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިސްރާއީލުން ބުނީ ސޫރިޔާގައިވާ އީރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާދޭން މަސައްކަތްކުރި އިސްރާއީލުގެ އެފް 16 މަރުކާގެ ފައިޓަރ ޖެޓަކަށް ސޫރިޔާގެ އެތެރެއިން ދިން ޙަމަލާއެއްގައި އެބޯޓު ވެއްޓިފައިވާ ކަމުގައެވެ. އަދި ވެއްޓުނު ފައިޓަރ ޖެޓްގެ ދެ ޕައިލެޓުންގެ ތެރެއިން އެކަކު ވަރަށް ސީރިޔަސްކޮށް ޒަޚަމްވެފައިވާ ކަމަށާ އިސްރާއީލުގެ ހޮސްޕިޓަލެއްގައި އެ ޕައިލެޓަށް ފަރުވާ ދެމުންގެންދާކަން އިސްރާއީލުން ހާމަކޮށްފައިވެއެވެ.

ސޫރިޔާގެ ހަމަލާ އެރި އިސްރާއީލުގެ ފައިޓަރ ޖެޓް ވެއްޓުނީ އިސްރާއީލު ގަދަބާރުން ހިފާފައިވާ ސޫރިޔާގެ ގޯލާންގެ އުސް ބިންތަކުގައިވާ ސަރަހައްދަކަށް ކަމަށްވެސް އިސްރާއީލުން ބުނެއެވެ. އިސްރާއީލު ބުނާގޮތުން އިއްޔެގެ ވަގުތެއްގައި އީރާނުގެ ޖާސޫސީ ޑްރޯނެއްވެސްވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަދެފައެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ އަޕާޗޭ ހެލިކޮޕްޓަރަކުން ދިން ޙަމަލާއެއްގައި އީރާނުގެ ޖާސޫސީ ބޯޓު ވައްޓާލިކަމަށް އިސްރާއީލުން ބުނެއެވެ.

ސޫރިޔާއިން ވަނީ އެގައުމުގެ ސަރަހައްދަށްވަދެ އުދުވާން ހިންގަން އުޅުނު އިސްރާއީލުގެ އެއްބޯޓަށް ވުރެ ގިނަ ބޯޓަށް ޙަމަލާތައް ދިންކަމަށް ބުނެފައެވެ. ސޫރިޔާއިން އިސްރާއީލުގެ ފައިޓަރ ޖެޓް ވައްޓާލުމުން އިސްރާއީލު ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ސަރަހައްދުތަކަށް އެތަށް ހަމަލާތަކެއް ދީފައެވެ. މިއީ އިސްރާއީލުގެ އަސްކަރީ ބާރު ބަލިކަށި ނޫންކަން ދައްކައި އިސްރާއީލުގެ ޔަހޫދީންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަން ކުޑަކުރުމަށް ދިން ހަމަލާތަކެއް ކަމަށް މުރާސިލުން ބުނެއެވެ.

އިސްރާއީލުން ބުނީ އެގައުމު ބޭނުންވާ ކޮންމެ ވަގުތަކު ސޫރިޔާގެ ސަރަހައްދަށް ވަދެ ހަމަލާތައް ދޭނެކަމަށާ މިކަމަށް ހުރަސްއެޅޭނެ ފަރާތެއް ނޯންނާނެ ކަމުގައެވެ. މިދިޔަ އަހަރުވެސް އިސްރާއީލުން 36 ފަހަރެއްގެ މަތިން ސޫރިޔާއަށް ހަމަލާތައް ދީފައިވެއެވެ. އިއްޔެގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އިސްރާއީލު ވަނީ އެގައުމުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ޓެލްއަވީވް އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށް އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ބިންގަރާސްތަކަށް ވަނުމަށް އިލްތިމާސްކޮށްފައެވެ. މިއީ އިސްރާއީލަށް އަމާޒުކޮށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ރޮކެޓް ހަމަލާތަކެއް ދީފާނެކަމުގެ ބިރަށް އިސްރާއީލުން އެޅި ފިޔަވަޅުތަކެކެވެ. ނަމަވެސް މިކަންކަމާބެހޭގޮތުން ހިޒްބުﷲ އިން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.

އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު 2005 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކުގައި ހިޒްބުﷲ އިންވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށްވެސް މިސައިލް ހަމަލާތައް ދީފައެވެ. ހިޒްބުﷲގެ ހަމަލާތައް މައިތިރިކުރުމުގައި އިސްރާއީލަށް ކާމިޔާބު ލިބިފައިނުވުމުގެ އިތުރުން އެ ހަނގުރާމައަށްފަހު ހިޒްބުﷲއަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް އިސްރާއީލު ވަނީ ޖެހިލުން ވެފައެވެ. (އަލްޖަޒީރާ)