10 Feb 2018, 14:00
އާސެނަލްގެ ކޯޗު އާސެން ވެންގާ ފަދަ ނުފޫޒުގަދަ ކޯޗުން މިހާރު ނޫޅޭ ކަމަށާއި، ކްލަބަށް އެހާ ނުފޫޒުގަދަވުމަކީ ކެރިއަރުގައި ކުރިއަށް ދާން ވަރަށް ބޮޑަށް އުނދަގޫވާ ކަމެއް ކަމަށް ވާދަވެރި ޓޮޓެންހަމްގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
މިއަދު ހަވީރު އޮންނަ ލަންޑަން ޑާބީ މެޗާއި ގުޅިގެން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ ވެންގާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ ބާރުގަދަ އެއް ކޯޗު ކަމަށެވެ. އަދި އެފަދަ ބާރެއް ކްލަބުގެ ބޯޑާއި މެނޭޖުމަންޓުން ދިނުމަކީ ކެރިއަރުގައި ކުރިއަށް ދިޔުމަށް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.
"ވެންގާއަކީ ކްލަބުގެ ހުރިހާ ކަމަކަށްވެސް ބާރު ފޯރުވާ ކޯޗެއް. މިހާރު ނުހުންނާނެ އެކަހަލަ ކޯޗެއް. އެއީ ވަރަށް ބޮޑު ޒިންމާއެއް، އަދި ވަރަށް ބޮޑު ތަކުލީފެއް. ކްލަބުތަކުގެ ވެރިންނަކީ މިހާރު މުޅިން ތަފާތު ބައެއް. ކޯޗުންނަށް އެހާ ބާރު ދޭ ވެރިން ނޫޅޭނެ. އަހަރެން މީގެ ފަސް އަހަރު ކުރިން ސައުތު ހޭމްޓަންއާ ހަވާލުވިއިރުވެސް ކޯޗުންނަށް ބާރު ދިނުމާ ކޯޗުންނަށް ގަދަރު ކުރުންވެސް ކުޑަ. މިހާރު ނުވެސް ނެތް،" ޕޮޗޭޓީނޯ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ ޕްރިމިއާ ލީގުގައި ކޯޗުންނަށް ދޭން ޖެހޭ ގަދަރު މިހާރު ނުދޭނެ ކަމަށާއި، އެހާ ބާރުގަދަކޮށް ކޯޗުގެ މަގާމުގައި ނުހުރެވެނީވެސް އެހެންވެ ކަމަށެވެ.
އާސެނަލް އަދި ޓޮޓެންހަމް ވާދަކުރާ މެޗު އޮތީ ޓޮޓެންހަމްގެ އަމިއްލަ ދަނޑު ވެމްބްލީގައެވެ. 1899 ވަނަ އަހަރުން ފެށިގެން ޓޮޓެންހަމްއިން ހޯމްގެ ގޮތުގައި ބޭނުން ކުރަމުންް ދިޔަ ވައިޓް ހާޓް ލޭން، ތަރައްގީ ކުރުމަށް ދޫކޮށްލެވިފައިވާއިރު، ވެމްބްލީއަކީ ޓޮޓެންހަމްގެ ވަގުތީ ހޯމްއެކެވެ.
ޕޮޗެޓީނޯ ބުނީ އަމިއްލަ ދަނޑު ދޫކޮށްލަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މި ސީޒަންގައި އެކަމުގެ އަސަރު ޓީމަށް ކުރަމުންދާ ކަމަށެވެ.
"ވައިޓް ހާޓްލޭން ދޫކޮށްލުމަކީ، ދިރިއުޅެ ބޮޑުވި ގެ 30 ވަރަކަށް އަހަރު ފަހުން ދޫކޮށްލުން ކަހަލަ ކަމެއް. ދެން އާ ގެއަކަށް ގޮސްފައި ނުނިދޭނެ. އުޅޭ ހިތެއް ނުވާނެ. ހަމަ އެހެންވީ ވެމްބަލީގައި ފުރަތަމަ ކުޅުނު ދުވަސް ކޮޅު ޓޮޓެންހަމްއަށްވެސް،" ޕޮޗެޓީނޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި އާސެންލާއި ޓޮޓެންހަމް ވާދަކުރާ ލަންޑަން ޑާބީ އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ.