10 Feb 2018, 13:33
އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވަންނާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝާހިދު ޚާގާން އައްބާސީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އޮޅުން ފިލުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި، ތިން ގައުމަކަށް ތިން ވަޒީރުން ވަނީ ވަޑައިގެންފަ އެވެ. އެގޮތުން، ރައީސްގެ މަންދޫބުގެ ގޮތުގައި ޕާކިސްތާނަށް ވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.
ފޮރިން މިނިސްޓަރު އާސިމް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚާގާން އައްބާސީގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރު ޚަވާޖާ އާސިމްއާވެސް ބައްދަލުކުރައްވައިފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަރިސް ފަރާތަކާ ހަވާލައިދީ، ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޮޑުވަޒީރު އައްބާސީ ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެހެން ނަމަވެސް ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވައްނާނެ ކަމަށާއި، މިފަދަ ހާލަތްތަކުގައި ޕާކިސްތާނުން އިސްކުރާނީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސުތައް ކަމަށް ބޮޑުވަޒީރު، ޑރ. އާސިމް އަރިހުގައި ދެންނެވި ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުން، ފޮރިން މިނިސްޓަރު އާސިމް ވަނީ ބޮޑުވަޒީރު އައްބާސީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފަ އެވެ. ނަމަވެސް މިވަގުތަކީ އެކަމަށް އެކަށޭނަ ދަނޑިވަޅެއް ނޫން ކަމަށް ބޮޑުވަޒީރު އައްބާސީ ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.
ރާއްޖެ އައުމަށް ދައުވަތު ދީފަ އެވެ. ނަމަވެސް އައްބާސީ ވަނީ މި ދައުވަތު ގަބޫލު ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ މި ދުވަސްވަރު ރާއްޖެ ވަޑައިގެންފި ނަމަ ކުއްލި ނުރައްކަލުގެ ހާލަތަށް ތާއީދު ކުރާ ކަމަށް އެހެން ފަރާތްތަކުން ދެކެފާނެތީ ކަމަށް އައްބާސީ ބުނެފައިވެ އެވެ.
ރާއްޖެއާ ގާތް ގައުމުތަކަށް ރާއްޖޭގެ ހާލަތު އަންގައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުންގެ ގޮތުގައި ބައެއް މިނިސްޓަރުން ވަނީ ފޮނުވައިފަ އެވެ. ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނަށް ވަޑައިގެންނެވި އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ. އަދި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.