އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، އެންޑީޓީވީން މިދިިޔަ ހަފްތާގައި ފޮނުވި ޕްރޮގްރާމެއްގައި ރާއްޖެއާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ހިމެނޭ ވާހަކަތަކެއް ދައްކާފައި ވުމުން، ޕީޕީއެމްއިން އެކަމަށް ރައްދު ދީފި އެވެ.

އެންޑީޓީވީން މިދިޔަ ބުދަ ދުވަހު ފޮނުވި "ލެފްޓް ރައިޓް އެންޑް ސެންޓާ: ކްރައިސިސް އިން މޯލްޑިވްސް" ޝޯގައި ވަނީ، އިންޑިއާއިން ރާއްޖެއަށް އަސްކަރީ ބާރުތައް ފޮނުވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެ މައުޟޫއަށް ފަސް ބޭފުޅެއްގެ ޕެނަލަކުން ވާހަކަ ދެއްކެވި އިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމުގައިވާ، އިންޑިއާގެ ކުރީގެ ޑިޕްލޮމެޓް ކްރިޝަން ޗަންދްރަ ސިންހަ ދެއްކެވި ވާހަކަތަކުގައި، ރާއްޖެއާ ބެހޭ ގޮތުން ސައްހަ ނޫން ގިނަ މައުލޫމާތުތަކެއް ހިމެނޭ ކަމަށެވެ.

އެގޮތުން، 2011 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުން ބޭރަށް "ދަމާފައި" ނެރުނު ކަމަށް އޭނާ ވިދާޅުވި ކަމަށް ޕީޕީއެމްއިން ބުންޏެވެ.

"އެ އަހަރު ރައީސް ނަޝީދު މަޖިލީހަށް ވަދެވަޑައިގަތީ އެންމެ ފަހަރަކު. އެއީ އެ އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާއަށް. ހަމަ ޔަގީނުން ވެސް އެމަނިކުފާނު ދަމާފައި މަޖިލީހުން ބޭރަކަށް ނުނެރޭނެ!" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ޖީއެމްއާރު ރާއްޖެއިން "ބޭރު ކޮށްލީ" ރައީސް ޔާމީން ކަމަށް ވެސް ކްރިޝަން ޗަންދްރަ ސިންހަ ވިދާޅުވި ކަމަށް ޕީޕީއެމްއިން ބުންޏެވެ.

"ޖީއެމްއާރާ އެކު ހަދާފައި އޮތް އެއްބަސްވުން ދިވެހި ސަރުކާރުން އުވާލި އިރު، ރައީސް ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް. އާބިޓްރޭޝަނަށް ފަހު ދިވެހި ސަރުކާރުން ވަނީ ޖީއެމްއާރަށް ބަދަލުވެސް ދީފައި،" ޕީޕީއެމްއިން ބުންޏެވެ.

މީގެ އިތުރުން ސިންހަ، ރައީސް ޔާމީން މިދިޔަ އަހަރު ޗައިނާއަށް ވަޑައިގެންނެވި ކަމަށް ވިދާޅުވި ވިދާޅުވުން ދޮގުކޮށް، ޕީޕީއެމްއިން ބުނީ ރައީސް ޔާމީން 2017 ވަނަ އަހަރުގެ ތެރޭގައި ޗައިނާއަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ި އެވެ. ޗައިނާއާ ރާއްޖެއާ ދެމެދު މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކުރީ އެ ދަތުރުފުޅުގަ އެވެ.

"މިކަންކަމުން ދޭހަވަނީ މި ޕެނަލިސްޓުން ދެއްކެވި ވާހަކަތަކަކީ އަމިއްލަ ޚިޔާލު ކަމާއި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެބޭފުޅުންނަށް މައުލޫމާތު ނޭނގޭކަން،" ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނީ އެ ޕްރޮގްރާމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް އެކި ފަރާތްތަކުން ވަނުމަށާއި އިދިކޮޅު މުޒާހަރާތަކަށް ތާއީދުކުރުމަށާއި އަދި ދިވެހި ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް ގޮވަލާފައިވާ ގޮވާލުންތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންކަން ކަމަށެވެ.