ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާލިއާ ބަޓް އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ސިދާރްތު މަލޯތުރާ މިހާރު ވަކިވެފައި ވާކަމަށް ޚަބަރުތައް ބުނާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އަދި އެއަށްފަހު، އާލިއާ އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް ބައެއް ޚަބަރުތައް ބުންޏެވެ. އާލިއާ އާއި ރަންބީރު އަންނަނީ އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ދެމީހުންގެ ދެމެދުގައި ބަދަހިވަމުން އަންނަނީ އެކުވެރިކަން ކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް އާލިއާގެ ލޯބިވެރިއެއް ހުންނަކަން ވަރަށް ބޮޑަށް ޔަގީން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. އެއީ ރަންބީރެއް ނޫނެވެ.

ޚަބަރުތައް ބުނާގޮތުން އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހައިކް މެސެންޖާގެ ފައުންޑާ، ކަވިން މިއްތަލް އާއެވެ. ކަވިން އަކީ ޓެލެކޮމް ޓައިކޫން، ސުނިލް މިއްތަލްގެ ފިރިހެން ދަރިފުޅެވެ. ސުނިލް މިއްތަލް އަކީ އެއާޓެލްގެ ފައުންޑާ އަދި ޗެއާމަން ވެސް މެއެވެ.

އާލިއާ އާއި ކަވިން ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިންނެވެ. އެއަށްފަހު ދެމީހުންގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ.

މަސައްކަތަށް ބަލާއިރު އާލިއާ މިހާރު ކުރަމުން އަންނަނީ ޒޯޔާ އަޚްތަރުގެ 'ގަލީ ބޯއީ'ގެ މަސައްކަތެވެ. އެ ފިލްމުގައި އާލިއާ އާއެކު ފެނިގެން ދާނީ ރަންވީރު ސިންގ އެވެ.