ބޭރުގެ އަސްކަރިއްޔާތައް ރާއްޖެ ގެންނަން ގޮވާލައި ގައުމުގެ އިސްތިގުލާލަށް ބުރު އަރުވަން ގޮވާލުމަކީ ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"މަގޭ ގައުމު، މަގޭ ދީން" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާތައް ގެންނަން ގޮވާލުމަކީ ރައްޔިތުން ބަލައިގެނެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މީހުން ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ.

"ބޭރުގެ އަސްކަރިއްޔާ ގެންނަން ބުނުމަކީ ރައްޔިތުން ކިބައިން މާފަށް އެދެން ޖެހޭ ކަމެއް. އެއީ ގާނޫނީ ކުށެއް،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުންނާއި ސިޔާސީ ގައިދީންނާއި އަދި ކުރީގެ ރައީސް މައުމޫނު މިނިވަންކުރުމަށް، އިންޑިއާގެ ވަފުދެއް، އިންޑިއާގެ ސިފައިންނާ އެކު ފޮނުވުމަށް ދިވެހިރައްޔިތުންގެ ނަމުގައި އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީން ސަރުކާރުގެ އިސްވެރީން އެމެރިކާގެ ބޭންކުތައް މެދުވެރިކޮށް ކުރައްވާ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް، އެމެރިކާގެ ސަރުކާރަށް ވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ މީހުންނަކީ ގައުމު ދެކެ ލޯބިން އުޅޭ ބައެއް ނޫން ކަމަށާއި ރައްޔިތުން އެ ފަދަ މީހުންނަށް ވޯޓް ފޮށިން ޖަވާބު ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މީހުންނަށް މައާފުދީގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތަކީ މި ގައުމުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ބަޣާވަތް ކަމަށާއި އެދުވަހުގެ އިރުއޮއްސިގެން އައި ވަގުތުން ފެށިގެން މެންދަމާ ހަމައަށް ދިވެހި ސަރުކާރު އޮތް ހާލަތުން ސަލާމަތް ކޮށްދެއްވީ ސިފައިންނާއި ފުލުހުން ކަމަށެވެ.