ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކުރުމަކީ ސިޔާސި ބޭނުމަކަށް އެޅި ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ މައްސަލާގައި ދުނިޔެ ހިމޭނުން އޮވެގެން ނުވާނެ ކަމަށް އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އދ. ގެ ހަތްވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި އަނާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމާއި ޑިމޮކްރަސީ އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އަމުރަށް ބޭއިހްތިރާމް ކުރުމާއި ވަކިވަކި ފަނޑިޔާރުންނަށް ހުރަސް އެޅި އެޅުން އަޅުގަނޑު ކުށްވެރި ކުރަމެވެ. އެ އަމަލު ތަކަކީ ގާނޫނީ ވެރިކަމަށް ތަބާ ނުވުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އިހްތިރާމް ނުކުރުމުގެ އަމަލުތަކެކެވެ.،" އަނާންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ރާއްޖޭގެ މުއައްސަސާތަކަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ދެއްވި ޑިމޮކްރަސީއާ ބީރައްޓެހި ހަމަލާއެއްގެ ގޮތުގައި އަނާންގެ ބަޔާނުގައި ވަނީ ސިފަ ކުރައްވާފައިވެ އެވެ.

"ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކުރުމަކީ ސިޔާސީ ބޭނުމަކަށް މަގާމުގެ ބާރާ ނުފޫޒު ބޭނުންކޮށްގެން އެޅި ފިޔަވަޅުތަކެކެވެ.،" ކޮފީ އަނާން ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގެ ހުކުރުވިލޭރޭ ނެރުނު އަމުރާއެކު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ސަރުކާރުން މިދިޔަ އަންގާރަ ދުވަހު 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތާއެކު ސަލާމަތީ ބާރުތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރި އެވެ.

އެކަންކަމަށް އިޝާރާތްކުރައްވާ ކޯފީ އަނާންގެ ބަޔާނުގައި ވަނީ ސިޔާސީ ގައިދީން މިނިވަން ކުރަން ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ފުރިހަމަ އިއްތިފާގުން ފާސްކޮށް ނެރުނު ފުރަތަމަ އަމުރު ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލައިފަ އެވެ.