20 Aug 2011, 14:13
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދަށް މަގުމަތިން ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ބުރުޒުމަގުގައި ހުންނަ ތަންދޫރު ކެފޭ އިން މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ނުކުމެވަޑައިގަންނަވަނިކޮށް ނާޒިމް ރަޝާދަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ޒުވާނާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ.
ނާޒިމް ރަޝާދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީ ނެރުނު ނޫސްބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ އެ ހަމަލާއަކީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ފަދަ ފިނޑި އަމަލުތައް ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް އެމްޑީޕީގެ މެންބަރުން ކުރަމުންދާ މަސައްކަތަށް ކުޑަވެސް ލޮޅުމެއް ނާންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.