10 Feb 2018, 10:31
ދިވެހި ގައުމާއި ދީނުގެ ދިފާއުގައި ހުރިހާ ދީނީ އިލްމުވެރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ތެދުވެވަޑައިގަތުމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ގޮވާލައްވައިފި އެވެ.
"މަގެ ދީނާއި މަގެ ގައުމު"ގެ ނަމުގައި ސަރުކާރު ހިންގާ ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ ގައުމަށް ޖެހިފައިވާ "މުސީބާތު"ގައި ހުރިހާ ރައްޔިތުންނާއި އިލްމުވެރިން ރައީސް ޔާމީނާ އެކު ދީނާއި ގައުމު ހިމާޔަތްކުރަން އަތުގުޅާލައި ތެދުވާން ޖެހޭނެ ކަމަށެވެ.
"އިހުލާސްތެރިކަމާ އެކު އަޅުގަނޑު މި ގޮވާލަނީ ހައްގުގެ މަގުގައި، މިގައުމުގެ ދިފާއުގައި، މި ދީނުގެ ދިފާއުގައި ރައީސް ޔާމީނާ އެކު ތެދުވާށޭ. މިއަދު ގައުމަށް ޖެހިފާމިވާ މުސީބާތަކީ ވަރަށް ނުރައްކާތެރި ކަމެއް. އެހެންކަމުން އަޅުގަނޑު ހުރިހާ ރައްޔިތުންނަށާއި އިލްމުވެރިންނަށް ގޮވާލަން ރައީސް ޔާމީނާ އެކު ހައްގު ބަސް ބުނުމުގައި ސާބިތުވެ ތިބެން،" މައުރޫފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މައުރޫފް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް ހެޔޮއެދޭ ކޮންމެ ކަމެއް ކުރުމުގެ ބާރު އޮންނަ ބޭފުޅެއް ކަމަށާއި އެފަދަ ރައީސަކާ ދެކޮޅަށް ނިކުމެ ބަޣާވާތް ކުރުމުގެ ހުއްދަ ގާނޫނާއި އިސްލާމްދީނުގައި ނުދޭ ކަމަށެވެ.
"މާތްﷲ އާއި ރަސޫލާ އަށް ކިޔަމަންވުމަށް ފަހު ދެން ކިޔަމަންވާން ޖެހޭނީ އިސްލާމީ ގައުމެއްގެ ވެރިިއަކަށް. އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން އިސްލާމީ ދައުލަތެއް ފުނޑު ފުނޑު ވެގެންދާކަށް. މި ބިމުގައި ފައްޅި އަޅާކަށް ފުރުސަތެއް ނުދޭނަން. ޣައިރު މުސްލިމުން މިތާ ބުދުތައް ބަހައްޓައިގެން އަޅުކަން ކުރާކަށް ފުރުސަތެއް ނުދޭނަން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މާތްﷲ މިވަނީ މި ގައުމަށް ވަރަށް ބޮޑު ފަތަހަ އަކުން ފަތަހަ ދެއްވާފައި ކަމަށާއި އެކަމަށް ހުރިހާ ރައްޔިތުން އެކަލާނގެ ހަޟްރަތުގައި ހަމްދުކުރަން ޖެހޭނެ ކަމަށެވެ.
ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަން އެއްކޮށް ފިލައިގެން ނުދާ ކަމަށާއި އެހެންކަމުން މި ގައުމު ސަލާމަތްކަންމަތީ ބޭއްވުމަށް ހުރިހާ ރައްޔިތުން ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް މައުރޫފް ގޮވާލެއްވި އެވެ.
"ހަރުކަށި ބާރުތަކުން މެދުއިރުމަތީގެ ގައުމުތަކަށް އަރައިގެން ސަރުކަރުތައް ބަދަލުކުރި ގައުމުތަކުގައި އަދި ވެސް ލޭ މަނާ ނުވޭ. އެފަދަ ކަމެއް މި ގައުމަށް މެދުވެރި ނުކުރައްވާތޯ އަޅުގަނޑުމެން ﷲގެ ހަޟްރަތުގައި ގިނަ ގިނައިން ދުއާ ކުރަން ޖެހޭ،" މައުރޫފް ވިދާޅުވި އެވެ.