ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތަކީ "ޝަރަފްވެރި ބަޣާވާތްފުޅެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ.

"މަގޭ ދީނާއި، މަގޭ ގައުމު" ގެ ނަމުގައި ސަރުކާރު ހިންގާ ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގެންނަން އުޅުނީ ބަޣާވާތެއް ކަމަށާއި ބަގާވާތުގެ ފަހަތުގައި ތިއްބެވީ "ޝަރަފްވެރި ބޭފުޅުން" ތަކެއްކަން ފުލުހުންގެ ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

"މި ބަޣާވާތުގެ އަޑީގައި މި ހިމެނިވަޑައިގަންނަވަނީ ވަރަށް ޝަރަފްވެރި އިއްޒަތްތެރި ބޭފުޅުން ކޮޅެއް. އެއީ މި ކަމުގެ ހަގީގަތް. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިއީ އިއްޒަތްތެރި ބަޣާވާތް ފުޅެއް ހެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ކުރިމަތިލީ ބަޣާވާތް ފުޅަކާ ކަމަށާއި އެބަޣާވާތް ފުޅުން ރައްޔިތުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ހަމްދު ކުރުމާއެކު އަބަދުވެސް އެ ބަޣާވާތުން ގައުމު ސަލާމަތް ކުރި ފަރާތްތަކުގެ މަތިން ހަދާން އައު ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަލާމަތީ ބާރުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމްދުކުރުމާ އެކު އަބަދުވެސް ޝުކުރުވާން ޖެހޭ އަދި ހަމަ އަބަދުމެ އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ މި ކަމުން ސަލާމަތް ކުރުމަށް ﷲ މެދުވެރިކޮށްދެއްވި އިންސާނުންނަށް. ދިވެހި ފުލުހުންނާއި ސިފައިންނަށް ޝުކުރު ހައްގު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަހަރު މި އުފެދުނު ބަޣާވާތް މިއަށް ވުރެ ވަރުގަދަ އުދުވާނަކަށް ބަދަލުވެގެންދިޔައީ ސިފައިންނާއި ފުލުހުން އެމަނިކުފާނުގެ ބަސް އެހީތީ ކަމަށާއި އެކަމާމެދު ފަޚުރުވެރިވާ ކަމަށެވެ.