10 Feb 2018, 00:13
ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިއްޕަވައިގެން ހުންނެވީ ރާއްޖޭގެ މުސްތަގްބަލު ކަތިލަން ދިއްކުރި ކަނޑީގެ މިއާގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕީއެމް އިން "މަގޭ ގައުމާ މަގެ ދީނާ" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިޒު ވިދާޅުވީ ރައީސް ޔާމީނަކީ ހިތްވަރާއެކު ކެރިގެން ވެރިކަން ކުރާ ރައީސެއް ކަމަށާއި ފިލާތިބެ ޓްވީޓް ކުރާ ބޭފުޅުންނަށް މި ގައުމުގައި ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.
"މަނިކުފާނު ހިއްޕަވައިގެން ތި ހުންނެވީ އަޅުގަނޑުމެންގެ މި ވަގުތާއި މުސްތަގުބަލު ކަތިލަން ކަނޑިތަކުގެ މިއާގައި. އެއީ ފަސޭހަ ކަމެއް ނޫން. އެއީ މަނިކުފާނު ފަދަ މި ގައުމުގެ ލޯބިވާ އިމާންތެރި، އިހްލާސްތެރި، ތެދުވެރި، ހިތްވަރުގަދަ، ކެތްތެރި، ހުށިޔާރު ވެރިކަމަށް ނޫނީ ނުކުރެވޭނެ ކަމެއް. ފިލާތިބެ ޓްވީޓު ކުރާ ފިނޑިންނަށް ކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ދިވެހި ފަސްގަނޑަށް ހަރާން ކޯރުވެ ހަސަން ރަސްގެފާނުގެ ވެރިކަން އަލުން އިޔާދަވާކަށް ފުރުސަތު ނުދޭނެ ކަމަށާއި މިގައުމާއި އިސްލާމްދީން ވަކިކުރަން އުޅުމަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު ވަކިކުރަން އުޅުން ކަހަލަ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިސްލާމް ދީން މިގައުމާ ވަކިކުރަން އުޅުމީ އަޅުގަނޑުމެންގެ ލޮލުގެ ނޫރު ވަކިކުރަން އުޅުން ކަހަލަ ކަމެއް. ދިވެހި ގައުމީ ކޮންމެ ދަރިއަކު މިއަދު އެދި ގޮވަނީ އޭމަގޭ ލޮބުވެތި ގައުމާއޭ ބޭނުމީ ކޮން ޚިދުމަތެއްހޭ. މިއަދު ގައުމަށްޓަކައި ހިތުގައި ވިންދު ޖަހާ ކޮންމެ ދަރިއަކީ ގައުމީ ފަހުލަވާނެއް،" މިނިސްޓަރު މުއިޒު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މުއިއްޒު ވަނީ މީގެ ކުރިން ރާއްޖެ ބޭރު ފަރާތްތަކެއްގެ އަޅުވެރިކަމުގެ ތެރެއަށް އައިގޮތާއި އެކަމުގައި ގައުމަށް ޣައްދާރުވި ޚާއިނުންގެ ވާހަކަ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ.