10 Feb 2018, 10:25
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި މިގައުމުގެ ދީނާއި ގައުމިއްޔަތު ސަލާމަތް ކުރެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދީގެން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މިރޭ ބޭއްވި "މަގެ ދީނާއި މަގެ ގައުމާ ނުކުޅެއްޗޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ގައުމަށް ޣައްދާރުވެފައިވާ ބައެއް ދިވެހިންގެ އަތްދަށުން މި ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ވޯޓު ދިނުން ހައްގު ކަމަށެވެ.
"އަޅުގަނޑުމެން ކަމަރު ބަންނަންވީ މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި މިގައުމުގެ ދީނާއި ގައުމިއްޔަވަންތަކަށް ސަލާމަތް ކުރެވޭނީ 2018ގައި އެކަކު އަނެކަކު އަތް ގުޅާލައިގެން ތިބެ ރައީސް ޔާމީނަށް ވޯޓު ދީގެން. އެއީ މި ގައުމު ދިފާއު ކުރުމަށް ޓަކައި،" ނިހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތް އެއްކުޑައެއްގެ ދަށުގައި ކޮށް ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދިނުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ރާއްޖެއާ އަވަށްޓެރި އަދި ދުރު ގައުމުތަކާ މެދު އެއްޗެއް ނުބުނަނީ ބުނަން ނޭނގިގެން ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އަވައްޓެރި އަދި ދުރު ގައުމުތަކާ މެދު އެއްޗެއް ނުބުނަނީ ބުނަން ނޭނގިގެނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އެ ބަސްތަކަށް ދޫ ފަރިތަ މީހުން އެބަ ތިބި. ނަމަވެސް އަޅުގަނޑުމެން ގައުމުތަކާ އޮންނަ ދޭދޭ ގުޅުން ދަމަހައްޓައި ބަދުބަސް ނުބުނެ ތިބެނީ ރިވެތި ގޮތުގައި ދުނިޔޭގައި އުޅެން. ބަވަނަ ވެފައިވާ ގައުމުތަކެއްގެ ތެރޭގައި އަޅުގަނޑުމެން ހިމެނޭތީ. އެ އިހްތިރާމާއި އެކުގައި." ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެ ދިޔަ 12 ވަރަކަށް އަހަރުގެ ކުރު ތާރީހުގައި ރާއްޖެއަށް އެންމެ ގިނަގުނަ ގެއްލުން، ދިވެހި ރައްޔިތަކަށްވެ ހުރެ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ބަޣާވާތް ކުރުމުގައި އިސްވެހުރި ނަޝީދާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ އެކަމުގައި ބައިވެރިވި އެންމެހާ ޚާއިނުންގެ ޚިޔާނާތުގެ ބޮޑު މަންޒަރު ފެނުނީ މިދިޔަ އަންގާރަ ދުވަހު ނަޝީދު ކުރެއްވި ޓުވީޓަކުން ކަމަށް ނިހާން ވިދާޅުވި އެވެ.
"ނަޝީދު ހިތަށް އެރި ވަގުތަކު މި ގައުމު ރޭޕް ކުރުމަށް ފަހު އަޅުގަނޑުމެން އޭނާ ބަލައިގަންނަން ވީތޯ؟ މި ގައުމުގެ ފަސްގަނޑުން ބާކީ އޮތް އެއްވެސް ދުވަހެއްގައި ޖާގަނުދޭންވީ މީހެއް ކެނެރީގޭ މުހައްމަދު ނަޝީދަކީ. އަޅުގަނޑުމެންގެ ގާނޫނު އަސާސީއާއި މި ވުޖޫދުގައި ވިންދު ޖަހާހާ ހިނދަކު ނަޝީދަކަށް މި ގައުމުން ޖާގަ ލިބިގެން ނުވާނެ،" ނިހާން ވިދާޅުވި އެވެ.
ރައީސް ނަޝީދު މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުންނާއި، ސިޔާސީ ގައިދީންނާއި އަދި ކުރީގެ ރައީސް މައުމޫނު މިނިވަންކުރުމަށް، އިންޑިއާގެ ވަފުދެއް، އިންޑިއާގެ ސިފައިންނާއެކު ފޮނުވުމަށް ދިވެހިރައްޔިތުންގެ ނަމުގައި އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ އިސްވެރީން އެމެރިކާގެ ބޭންކުތައް މެދުވެރިކޮށް ކުރައްވާ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް، އެމެރިކާގެ ސަރުކާރަށް ވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެ އެވެ.