09 Feb 2018, 22:32
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ، އަވަށްޓެރި އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތްމާ ގާންދީ އާއި ގުދުސް މިނިވަންކުރި އިސްލާމްދީނުގެ މުޖާހިދުންގެ ތެރެއިން އަރައިހުންނެވި މުޖާހިދެއް ކަމަށްވާ ސަލާހުއްދީނުލް އައްޔޫބީއާ އެއްހަމަ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ނައީބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ޕީޕީއެމުން މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ނަން ހިމަނަންޖެހޭނީ ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިން ހިމެނޭ ގައުމީ ބަތޮލުންނާ އެއް ހަމައެއްގައި ކަމަށާއި އެ ތައުރީފު އެމަނިކުފާނަށް ހައްގު ކަމަށެވެ.
ހަމަ އެފަދައިން އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުންނަކީ ގައުމަށް ޣައްދާރުވެގެން ތިބި ބައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިފަހުން ރާއްޖެއަށް ގެނައީ ދިވެހި ތާރީޚުގައި އައި އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށެވެ.
އެފަދައިން ސިފަ ކުރަންވީ ސަބަބެއް ކަމަށް އަދުރޭ ވިދާޅުވީ، ތިން ބާރުގެ ތެރެއިން އެއްބާރު އިސްވެ އޮވެ ކުރި އަމުރަކުން ދިވެހި ދައުލަތުގެ އަނެއް ދެ ބާރު ހުއްޓުމަކަށް ގެނެސް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުން ކަމަށެވެ.
"އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށް މިވިދާޅުވީ، ތިން ބާރުގެ ތެރެއިން އެއްބާރު އިސްވެ އޮވެގެން، އެ ބާރުގެ އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުން އާދެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އިސްކޮށް އޮވެގެން މިގައުމުގެ އަދާލަތު ނަގާލަން ކުރެއްވި ނުރައްކާތެރި މަސައްކަތެއްކަމުން،" ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވި އެވެ.
ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި ތިއްބެވި އަނެއް ބޭފުޅުންނަކީ ރިޝްވަތު ހިފުމުގެ ނުބައިކަމާއި ބިރުވެރިކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަދުމަފުޅު ކޮށްދެއްވި ބޭފުޅުންކަން ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.
އެގޮތުން ގައުމުގެ އަދާލަތު ނަގާލުމަށް ސުޕްރީމް ކޯޓަށް ވަކި ގޮތަކަށް އަމުކުރު ކުރަން ބާރު އަޅައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން، ޣާޒީއެއްގެ މަތިވެރި ލަގަބު ދެއްވާފައިވާ ބޭފުޅެއް ބާޣީއެއްގެ ގޮތުގައި ތާރީހުގައި ލިޔަންޖެހޭނެތީ ހިތާމަކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.