މިސީޒަނަކީ ރެއާލް މެޑްރިޑް އަދި އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް އެންމެ ކާމިޔާބު ސީޒަނެކޭ ނުބުނެވޭނެއެވެ. ސްޕެނިޝް ލަލީގާ ތާވަލުގެ ހަތަރުވަނައިގައި ރެއާލް އޮތީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ 19 ޕޮއިންޓްގެ ފަރަގެއްގައެވެ. ރޮނާލްޑޯއަށް މިސީޒަންގެ ލީގުގައި އަދި ކާމިޔާބުކުރެވުނީ އެންމެ އަށް ގޯލެވެ.

އެހެން ނަމަވެސް ރެއާލްގެ ކޯޗު ޒައުނުއްދީން ޒިދާނަށް ރޮނާލްޑޯއާ މެދު އަދިވެސް ފުރިހަމައަށް އިތުބާރު އެބައޮތެވެ. ރޮނާލްޑޯގެ ދަށް ކުޅުމާމެދު ސުވާލުކުރުމުން ޒިދާން ބުނީ ގޯލް ނުޖެހުމަކީވެސް ރޮނާލްޑޯއަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ރޮނާލްޑޯ ހިތްވަރު ހޯދާނީ އޭނާގެ ފެއިލިއާ ތަކުން ކަމަށާއި، ގޯލް ނުޖެހުމަކީ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލް ޖެހުމަށް އޭނާއަށް ލިބޭ ހިތްވަރެއް ކަމަށެވެ. ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގެ ނިމުން އަދި ނާންނަ ކަމަށާއި، ރޮނާލްޑޯއަކީ ހިތްވަރު އެލުވާލާނެ ކުޅުންތެރިއެއްވެސް ނޫން ކަމަށް ޒިދާން ބުންޏެވެ.

މާދަމާ ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ލީގުގައި ނުކުންނަ މެޗަކީ ރެއާލްއަށް މުހިންމު މެޗެކެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށް ރެއާލް ކުރަމުންދާ މަސައްކަތަށް ކޮންމެހެންވެސް މާދަމާ ރޭގެ މެޗުން ތިން ޕޮއިންޓް މުހިންމެވެ.

ޒިދާން ބުނީ ރޮނާލްޑޯއަކީ ރެއާލްއަށް މުހިންމު މެޗުތަކުގައި އަބަދުވެސް އެޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި، ރޮނާލްޑޯގެ ބޭނުން ޖެހޭ ވަގުތު އޭނާ އަނެއްކާވެސް ރެއާލް ގޮވައިގެން ކުރިއަށްދާނެ ކަމަށެވެ.

ދެހާސް ސާދަވަނަ އަހަރުގެ ސީޒަންގައި 48 ލީގު ގޯލް ކާމިޔާބުކުރި ރޮނާލްޑޯއަށް ދެން ޖެހިގެން އައި ސީޒަންގައި ކާމިޔާބުކުރެވުނީ 35 ގޯލެވެ. އަދި މިދިޔަ ސީޒަންގައިވެސް ރޮނާލްޑޯ ވަނީ ލީގުގައި 25 ގޯލް ޖަހައިފައެވެ.