މި އަހަރު ބާއްވާ އިސްލާމިކް ފެއާގެ ފުރަތަމަ ބުރު އަންނަ މަހުގެ 8 އިން 15 އަށް މާލޭގައި ބޭއްވުމަށް އިސްލާމިކް އެފެއާޒް އިން ހަމަޖައްސައިފި އެވެ.

އެސިސްޓަންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލު މިއަދު ވިދާޅުވީ، އެ ފެއާ އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި އިތުރު ދެ ފެއާއެއް އަތޮޅުތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ފެއާ އޮންނާނީ އައްޑޫ ސިޓީގައި ކަމަށާއި އަނެއް ފެއާ ބާއްވާނީ އުތުރުގެ ކޮންމެވެސް އަތޮޅެއްގައި ކަމަށް އަހްމަދުﷲ ވިދާޅުވި އެވެ. ނަމަވެސް، އަދި ފެއާ ބާއްވާނެ ތާރީހެއް ކަނޑައަޅައިފައެއް ނުވެ އެވެ.

އަހްމަދުﷲ ވިދާޅުވި ގޮތުގައި، މިފަހަރުގެ ފެއާގައި އިސްލާމް ދީނާ ގުޅޭ ތާރީޙީ އެކިއެކި ލިޔެކިިޔުންތަކާއި ފޮޓޯތަކުގެ އިތުރުން ގެފުޅުގެ އެތެރެ ފެންނަ ބިނާއެއް އާއްމުންނަށް ދައްކާލާނެ އެވެ.

"ވަރަށް މަދު ދިވެހިންނަށް ގެފުޅުގެ އެތެރެ ބަލައިލުމުގެ ފުރުސަތު ލިބިފައި ވަނީ. އެހެންވީމަ، މިއީ ވަރަށް ރަނގަޅު ފުރުސަތެއް ގެފުޅުގެ އެތެރެ ހުންނަ ގޮތް ބަލައިލާ އިލްމް ހޯދަން،" އަހްމަދުﷲ ވިދާޅުވި އެވެ.

އިސްލާމިކް ފެއާ މިފަހަރު ބާއްވަނީ އިންޑިއަން ހައިކޮމިޝަންގެ އެހީގައި އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިލޭޝަންސް އިސްލާމްއާ ގުޅިގެންނެވެ. އެ ކައުންސިލްގެ ފަރާތުން ވެސް ހަދިޔާކުރި ދީނީ ގިނަ ލިޔެކިޔުންތަކެއް ފެއާގައި ބަހައްޓާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ރަޝިޔާއިން ލިބިފައިވާ ލިޔެކިޔުންތަކެއް ވެސް ފެއާގައި ހިމަނާނެ އެވެ.

މިއީ އިސްލާމިކް އެފެއާޒް އިން ބާއްވާ ތިން ވަނަ އިސްލާމިކް ފެއާ އެވެ. މިހަރު ކުރީކޮޅު ރ. އަތޮޅުގައި އިސްލާމިކް ފެއާ ބާއްވަން މިނިސްޓްރީން މަސައްކަތްކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އެ ފެއާ ކެންސަލްކޮށްފަ އެވެ.