09 Feb 2018, 20:44
ގައުމު ހަލަބޮލިކުރުމަށް އިދިކޮޅު ފަރާތްތަކުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހައް އަންނަމުންދާ ބަދަލާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދާ ކަންކަމަކީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށާއި ސިޔާސީ ގޮތުން ފިކުރު ތަފާތުވުމަކީ ގައުމުގެ މިނިވަންކަން ވިއްކާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ބޭރުގެ ބާރުތަކުން ރާއްޖެ އަރަން ބުނީމަ އެކަމަށް ތާއިދުކޮށް ބަޔަކު ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް. ހަގީގަތަކީ އެފަދަ ގޮވާލުންތައް ގޮވާލަނީ ދިވެހިންނާ މެދު އެއްވެސް ވަރަކަށް ނުވިސްނާ މީހުން ކަން،" މުބީން ވިދާޅުވިއެވެ.
ބިލެްތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުބީން ވިދާޅުވީ މިހާރުވެސް އިދިކޮޅު މީހުން ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމަށާއި ތަފާތު ރޭވުންތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އަވަށްޓެރި ގައުމެއްގެ ރައްޔިތުންނަށް އުނދަގޫކޮށް އެ ރައްޔިތުންނަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ އަވައްޓެރި ގައުމެއްގެ ރައްޔިތަކަށް ގެއްލުންދީގެން އެ އަވައްޓެރި ގައުމު ރުޅިއަރުވަން މަސައްކަތް ކުރާ ކަން،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ފުރުސަތެއް ސަރުކާރުން ނުދޭނެ ކަމަށާއި ސަރުކާރަށް ދިވެހި ރައްޔިތުންނެކޭ އެއްވަރަށް އަވައްޓެރި ގައުމުތަކުގެ ރައްޔިތުންވެސް މުހިންމުވާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުން ދަމަހައްޓާނެ ކަމަށް މުބީން ވިދާޅުވިއެވެ.