ދެކުނު ކޮރެޔާގެ ޕިއޮންގްޗެންގްގައި ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން 17 ދުވަހަށް ކުރިއަށްދާ ފިނި މޫސުމުގެ އޮލިމްޕިކްސް ފެށުމުގެ ގޮތުންވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ފެށުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ލޯތައް އަމާޒުވީ ދެ ކޮރެޔާގެ އޮލިމްޕިކް ޓީމަށެވެ. މިއީ އޮލިމްޕިކްސްގެ ތާރީހުގައިވެސް ދެ ކޮރެޔާގެ އެތުލީޓުން ދެ ގައުމު ރަމްޒުކޮށްދޭ، އެއް ދިދައެއްގެ ދަށުގައި މާޗުކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ އޮލިމްޕިކްސްގައި ދެ ކޮރެޔާ ރަމްޒުކޮށްދޭ ހޮކީ ޓީމެއްވެސް ވާދަކުރާނެއެވެ.

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެޔަގެ ރައީސް މޫން ޖައިއިންއާއި ނޯތު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޮފުޅު ކިމް ޔޯ ޔޮންގްއާއި ސަލާން ކޮށްލަނީ --- ފޮޓޯ/ އޭޕީ

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައިނަލް އަގުވާމީ އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބަޗް ވިދާޅުވީ ބައިބައި ކުރުވާ ހުރިހާ ކަމަކަށްވުރެވެސް އޮލިމްޕިކްސްގެ ބާރު ގަދަވާނެ ކަމަށާއި، ދެ ކޮރެޔާއިން އެކަން ދައްކައިފި ކަމަށެވެ.

މިފަހަރުގެ އޮލިމްޕިކްސްއަށް ތައްޔާރުވަމުންދިޔައިރު އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވީ ރަޝިޔާގެ އެތުލީޓުންނަށެވެ. އޮލިމްޕިކްސް ފެށުމަށް ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ކޯޓު އޮފް އާބިޓްރޭޝަނުންވަނީ ރަޝިޔާގެ އެތުލީޓުންނަށް އޮލިމްޕިކްސްގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ދެކުނު ކޮރެޔާގައި މިއަދު ފެށި އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކުރިން ހުށަހެޅިފައިވާ މަނާ ބޭސް ޓެސްޓްތަކަކަށް އޮޅިވާލި ކަމުގެ މައްސަލައަކާ ގުޅިގެން ކޯޓުން ނިންމި ނިންމުމާއެކު އޮލިމްޕިކް ކޮމިޓީންވަނީ އެކަމަށް އިޖާބަ ދީފައެވެ. ނަމަވެސް ރަޝިޔާގެ ގިނަ އެތުލީޓުންތަކަކަށް އޮލިމްޕިކްސްގެ ފުރުސަތު ގެއްލުވާ ނުލުމަށް އޮލިމްޕިކްސް ކޮމިޓީން ނިންމީ އެ ހުރިހާ އެތުލީޓުންވެސް އޮލިމްޕިކްސްގައި ވާދަކުރާނީ ވަކި ގައުމެއް ތަމްސީލު ނުކޮށްދޭ 'ނިއުޓްރަލް' ޓީމެއްގެ ގޮތުގައި ކަމަށެވެ.

ދެކުނު ކޮރެޔާގައި މިއަދު ފެށި އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަދު ފެށި ފިނި މޫސުމުގެ އޮލިމްޕިކްސްގައި 15 ކުޅިވަރަކުން 102 މެޑަލް އިވެންޓް ކުރިއަށްދާނެއެވެ. 3،000 އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ 77 ޕަސެންޓް ޓިކެޓް މިހާތަނަށް ވިކިފައިވާއިރު، އެއީ ގާތްގަނޑަކަށް 826،000 ޓިކެޓެވެ.