25 May 2010, 10:38
14:30
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ފަރާތުން ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާގެ އިތުރުން، އެ މީހުން މެދުވެރިކޮށް ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އިންސާނީ އަދި ޘަޤާފީ ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބަންގްލަދޭޝްގެ ޘަޤާފީ އަދި ފަންނީ ހަރަކާތްތަކުގެ ޕްރޮގްރާމް ފެށްޓުމުގެ ގޮތުން މިއަދު ހެނދުނު ނަލަހިޔާ ހޮޓެލްގައި "ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދުގައިވާ ތާރީޚީ ގުޅުން" މިނަމުގައި މިއަދު ހެނދުނު ބޭއްވެވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ވަރަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން ކުރާ މަސައްކަތުގެ އިތުރުން ވަރަށް ގިނަ ފަންނީ ހުނަރުތައް ލިބިފައިވާ މީހުންކަން ފާހަގަކުރެއްވި އެވެ. އަދި މި މީހުން މެދުވެރިކޮށް ބަންގްލަދޭޝްގެ ޘަޤާފަތް ދިވެހިންނަށް ދައްކައިދީ، ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ އަދި ފަންނީ ގުޅުން ބަދަހި ކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާއްޞަ ގޮތެއްގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގާތް ގުޅުމެއް އޮތްކަން ދެޤައުމުގެ ތާރީޚުން ފެންނަ ކަމުގައި ވިދާޅުވި އެވެ. އަދި ވިޔަފާރިއާއި، އިޤްތިޞާދީ ދާއިރާއާއި، އިތުރު އެހެން ދާއިރާތަކުންވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބް ރައީސް ބައްލަވާލެއްވި އެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ބަންގްލަދޭޝްއަކީ މަދަނީ މުޖްތަމަޢުގެ ހަރަކާތްތެރިކަން ވަރަށްބޮޑު އަދި މިދާއިރާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއްޤައުމު ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި މަދަނީ މުޖްތަމަޢު އިތުރަށް ހަރުދަނާކޮށް އެ ދާއިރާގެ ހަރަކާތްތެރިކަން އިތުރުކުރުމުގައި ބަންގްލަދޭޝްގެ ތަޖުރިބާއާއި އެހީތެރިކަމުގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.