09 Feb 2018, 17:33
ހަތިޔާރު އެޅި ރާއްޖެއިން ބޭރުގެ ސިފައިން ރާއްޖެ އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލި މައްސަލަ ތަހުގީގުކޮށްދިނުމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލް ނަގާލުމަށް ގޮވާލުމަކީ ކުށެއް ކަމަށާއި އެގޮތަށް ގޮވާލި ފަރާތްތަކުގެ މައްސަލަ ކަމާބެގޭ ފަރާތްތަކުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
ބޭރުގެ ހަތިޔާރު އެޅި ފައުޖުތައް ރާއްޖެއެރުމަށް ގޮވާލާނީ މިގައުމުގެ ޚާއިނުން ކަމަށާއި އެކަމަށް ކުޑަކޮށްވެސް ހިތްވަރުލިބޭ ގޮތަށް އަމަލުކުރުމަކީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ހީނުކުރާފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"...ކައިގެން ވަޔެއްލާހާ ފަސޭހައިން ހަމަ އެއީ އަހަރެން ބުނެލި އެއްޗެކޭ ބުނެ ނިންމާލެވޭ ވަރުގެ ސަމާސާ ވާހަކައެއް ނޫން މި ދެކެވެނީކީ. ދައްކަނީކީ. ދައްކާފައި ހުރީކީއެއް. އެހެންވީމަ އެ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ހަމަ ހަރުކަށި އިބާރާތުން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަން އެފަދަ ޖުމްލައެއް ވެސް އިޝާރާތަކުން އަދި އެނޫން ގޮތަކަށް ވެސް ބޭނުންކުރި ކޮންމެ ފަރާތަކާ މެދު ދިވެހި ދައުލަތުގެ ގާނޫނު އަރާހަމަކުރުމަށް ފުރިހަމައަށް ޖާގަދީ،" ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ނޮވެމްބަރ 3 ގައި ތަމަޅަ ޓައިގަރުން ރާއްޖެއަރައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލަ ބެލިފަދައިން މިފަހަރު ރާއްޖެއަށް ބޭރުގެ ސިފައިން އައުމަށް ގޮވާލި މީހުންގެ މައްސަލަބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ނޮވެމްބަރު 3ގެ ހަމަލާއާ މިފަހަރުގެ ކަންތަކާ ތަފާތު ވަނީ މިފަހަރު ރާއްޖެއަށް ބޭރުގެ ބަޔަކު ނައުން އެކަނި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ކުރަން ރާވާފައިވާ ހުރިހާ ކަމެއް ވެސް ފެއިލް ކޮށްލެވުނީ ދިވެހި ސަރުކާރުން ހޭލައި އެކަމަށް ތައްޔާރުވެގެން އޮތީމަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިގައުމަށް ބޭރުގެ ސިފައިން ގެނެސް ސަރުކާރު ބަދަލުކުރަން ގޮވާލި ގޮވާލުން ކުށަކަށް ނުވާނެ ހަމައެއްގޮތެއް ވެސް ނޯންނާނެ. އެހެންވީމަ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ގޮވާލަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ބޭރުގެ ސިފައިން ރާއްޖެއައުމަށް ގޮވާލި މައްސަލަ ތަހުގީގު ކުރުމަށް ޕީޕީއެމުން ގޮވާލާފައިމިވަނީ މިދިޔަ ހޯމަ ދުވަހު ކުރީގެ ރައީސް މަހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިލިޓަރީ ފަރާތްތަކުގެ ބެކަޕަކާއި އެކު އިންޑީއާއިން މަންދޫބެއް ރާއްޖެއަށް ފޮނުވަން ޖެހޭ ކަމަށެވެ.