20 Aug 2011, 13:26
ކުޅުންތެރިން ކުރަމުންދާ ހަޅުތާލަށް ހައްލެއް ލިބިފައި ނުވާތީ، މިއަދު ފަށަން އޮތް ސްޕެނިޝް ލަ ލީގާގެ ކުޅުން ފަސްކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މުބާރާތް ފެށުން ފަސްކުރީ ސްޕެނިޝް ލަލީގާ އާއި ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ ކުޅުންތެރިން ބޭނުންވެގެން އުޅޭ އެކުޅުންތެރިންގެ މުސާރައިގެ ގެރެންޓީގެ މައްސަލަ އަށް ހައްލެއް ފެނިފައިނުވާތީ އެވެ.
ކުޅުން ތެރިންނަށް މުސާރަ ނުދޭތީ ކުރާ ހަޅުތާލު މިހާރުވަނީ ކުރިއަށް ވުރެ، ބޮޑުވެ މުޅި ސްޕެއިންގެ ފުޓްބޯޅާއިގެ މަސްރަހު ވެސް ގޯސްވެފަ އެވެ.
ކުޅުންތެރިންގެ ހަޅުތާލަށް އަވަސް ހައްލެއް ހޯދަން އިއްޔެ އެސޯސިއޭޝަން އޮފް ސްޕެނިޝް ފުޓްބޯލާސް )އޭއެފްއީ( އާއި ޕްރޮފެޝަނަލް ފުޓްބޯލް ލީގް )އެލްއެފްޕީ(އާ ދެމެދު ވަނީ މަޝްވަރާތައް ކޮށްފަ އެވެ. އެކަމަކު އެ މަޝްވަރާތަކުން އަވަސް ހައްލެއް ލިބިފައި ނުވާކަމަށް ސްޕެއިންގެ ނޫސްތަކުގައި މިއަދު ވަނީ ބުނެފަ އެވެ.
"މުސާރައިގެ ގެރެންޓީގެ މައްސަލަ ހައްލު ނުވަނީސް ލީގުގެ ފުރަތަމަ ދެ ހަފުތާ ހަޅުތާލު ކުރާނަން." ސްޕައިންގެ ބައެއް ނޫސްތަކަށް ކުޅުންތެރިން ދީފައިވާ އިންޓަވިއު ތަކުގައި ބުނެފައި ވެއެވެ.
އޭއެފްއީން ބުނަނީ ސްޕެއިންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި ކުޅޭ 200 ކުޅުންތެރިންނަށް، މާލީ ގޮތުން ބަލިކަށިވެފައިވާ ބައެއް ކްލަބުތަކުން މުސާރަ ދީފައިނުވާއިރު، އަދި އެ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ 20 މިލިއަން ޔޫރޯ އަށް އަރާ ކަމަށެވެ.