09 Feb 2018, 11:41
ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އދއިން ވަނުމަށް ޗައިނާ ދެކޮޅު ކަމަށާއި އެ މައްސަލަތަކަށް ރާއްޖެއިން ހައްލު ހޯދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑީއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވީ އެގައުމުން ދަނީ ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގެ މަޝްރަހު ވަރަށް ގާތުން ބަލަމުން ކަމަށާއި ރާއްޖޭގެ މައްސަލަތައް ހައްލުކުރުމަށް ބޭރުން ބަޔަކު ރާއްޖެއަށް އަންނަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަށް އިހުތިރާމްކުރަން ޖެހޭ ކަމަށް ވެސް ޝުއާންގް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި މައްސަލަތަކާމެދު އެގައުމުގެ ފަރާތްތަކުން މަޝްވަރާކޮށް ކަންކަން ހައްލުކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް ވެސް ޝުއާންގް ވިދާޅުވިއެވެ.
"ޗައިނާއިން ދަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާއިއެކު ވެސް ގާތް ގުޅުންތަކެއް ބާއްވަމުން. އަދި ޗައިނާއިން އެ ފަރާތްތަކަށް ބާރުއަޅަމުންދަނީ ވީ އެންމެ އަވަހަކަށް ރާއްޖޭގައި އަމާން ވެއްޓެއް ގާއިމްކުރުމަށް،" ޝުއާންގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވާހަކަތައް ފެށުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން އެހީތެރިކަން ދީ، އެ ފަދަ ވާހަކަތަކަށް އެކަށީގެންވާ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ހުރި ބައެއް ކަންކަން ތަންފީޒުކުރުމަށް ހުރި ހުރަސްތަކަކާ ހެދި އެ އަމުރު ތަންފީޒުކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އަދި ފެބްރުއަރީ ފަސްވަނަ ދުވަހު ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށް، ސަރުކާރު ވައްޓަލަން އުޅޭ ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރައި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، އެފަރާތްތަކުގެ މައްސަލަ ބަލަން ފަށައިފައެވެ.