މާލެ އަތޮޅު ގުރައިދޫގެ މަގުތަކުގެ ބައްތިތައް ހަލާކުވެ، ނުދިއްލޭތާ ގިނަ ދުވަސްތަކެއްވެފައިވާތީ ރަށު ރައްޔިތުންގެ ބަޔަކު ނުކުމެ ރަށު ކައުންސިލާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

ގުރައިދޫ ބަޔަކު އެ ރަށު މަގުތަކަށް ނުކުމެ ރޭ އަޑުއުފުލާފައި ވަނީ ރަށުގައި ހުރި 105 މަގު ބައްތި ހަލާކުވެ ނުދިއްލޭތީ އާއި އަދި އެ ނޫން ވެސް ތަފާތު މައްސަލަތައް ކުރިމަތިކޮށެވެ.

އެ ރަށު އެމްޑީޕީ މީހުން ކުރި މުޒާހަރާގައި ބުނެފައި ވަނީ ރަށުގައި ހުރި މަގު ބައްތިތަކުގެ ތެރެއިން ދިއްލެނީ މުޅި އެކު ފަސް ބައްތި ކަމަށާއި ކައުންސިލާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށް ދިނުމަށް އެދުމުން ވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށާއި "ޖަމިއްޔާތަކުން އިސްނަގައިގެން އެކަން ކުރަން އުޅުމުން ވެސް ކައުންސިލްގެ އެހީތެރިކަން ދީފައި ނުވާ" ކަމަށެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހުދީ މިއަދު ވިދާޅުވީ ރަށުގެ މަގު ބައްތިތައް ހަލާކުވެފައި ހުންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށާއި އެކަން ހައްލު ނުކުރެވި ވަނީ، ރާއްޖޭގެ އެއްވެސް ރަށެއްގެ ކައުންސިލްތަކުގެ އެފަދަ ކަން ކަމަށް ސަރުކާރުން ބަޖެޓް ނުދޭ ގޮތަށް އެ ރަށުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ވެސް ސަރުކާރުން ބަޖެޓްދީފައި ނުވާތީ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ކައިރީ ރިސޯޓްތަކުގެ އެހީއާ އެކު އެކަމަށް އަލިމަގެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްރޮޖެކްޓަށް 180000ރ. ވަރު ހަރަދުވާތީ އަދި އެ ވަރަށް ފައިސާ ހޯދިފައި ނުވާ ކަމަށެވެ.

އިދިކޮޅު ޕާޓީ، ޑީއާރުޕީން ކޮންޓްރޯލް ކުރާ ކައުންސިލާ ދެކޮޅަށް އެމްޑީޕީ މީހުން ކުރި މުޒާހަރާގައި ތަފާތު ހަތް ކަމެއް އެ މީހުން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މިސްކިތުގެ ބްރޭކަރު އަބަދު އަބަދު ވެއްޓި ކަރަންޓް ކެނޑޭ މައްސަލަ އާއި އަދި ވެސް ތަފާތު މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މައްސަލަތައް އުފަންވީ ރަށުގެ ބައެއް ރައްޔިތުންގެ އެދުމުގެމަތީން ރަށު ގޮނޑުދޮށުގައި ހުރި ހަޓެއް ނެގުމުން ކަމަށާއި އެ ހަޓް ނެގީ އެ ތަނުގައި ޒުވާން ކުދި ބަޔަކު ދުވާލާއި ރޭގަނޑު "ނޭދެވޭ އަމަލުތަކެއް" ހިންގާ ކަމުގެ ޝަކުވާ ލިބިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެކި ގޮތްގޮތަށް ވީއްލިގެން އުޅޭ ޒުވާން ކުދިން ކުރާ އެފަދަ ކަންކަން ހައްލުކުރުމަށް އެހީތެރިވުމުގެ ބަދަލުގައި އެ ރަށު އެމްޑީޕީ ބައެއް މީހުން އެފަދަ "ކުދިންނަށް" ހިއްވަރުދީ ރަށުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާތީ ހިތާމަކުކުރައްވާ ކަމަށެވެ.