ބޭރުގެ ސިފައިން ގެނެސްގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ޖަރީމާއެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝާހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ސިފައިން ގެނައުމާއި ގުޅޭގޮތުން މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ޝަހީމް 'ސަން'އަށް ވިދާޅުވީ ބޭރުގެ ސިފައިން ގެނެސްގެން ގައުމުގެ ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ޖަރީމާއެއް ކަމަށެވެ.

"ބޭރުގެ ސިފައިން ގެންނަން ގޮވާލުމަކީ ބޮޑު ޖަރީމައެއް. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑު ދިވެހިންނަށް ދަންނަވަން ބޭނުންވަނީ އެކަމަށް ތާއިދު ނުކުރައްވާށޭ. އެފަދަ ފުރުސަތެއް ނުދެއްވާށޭ،" މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދީނީ ގޮތުންވެސް އެފަދަ ކަންކަމަށް ގޮވާލައި ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ދިވެހިން މިފަދަ ދަނޑިވަޅުތަކުގައި އެއްބައިވަންތަކަމުގެ މިސާލު ދައްކަން ޖެހޭ ކަމަށެވެ.

"ދިވެހިން މިވަގުތު އެއްބައިވަންތަ ވާން ޖެހޭ. ދިވެހިން ދައްކަން ޖެހެނީ އެއްބައިވަންތަކަމުގެ ރިވެތި މިސާލު. އެފަދަ ގޮވާލުންތައް ގޮވާލާ ފަރާތްތަކަށް ދަންނަވަން ބޭނުންވަނީ އެ ފުރުސަތު ދިވެހިން ނުދޭނެއޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ހަމައަކަށް އަޅުވާނީ މަޝްވަރާގެ މާތް އުސޫލުން ކަމަށާއި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ބޭރުގެ ތިންވަނަ ފަރާތެއް ވައްދައިގެން ގައުމު ހަލަބޮލި ކުރަންޖެހޭ ފަހަރެއް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް ގައުމުގެ ކަންކަން ހައްލުކުރީ ބޭރުގެ ނުފޫޒް ވައްދައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.