08 Feb 2018, 23:17
މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތްކަމަށް ބުނެ، ރާއްޖެ ޓީވީގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިންގ ޚިދުމަތް މެދުކަނޑާލާފައި މިވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އިން މިރޭ އަންގާފައި ވަނިކޮށެވެ.
ރާއްޖެ ޓީވީން ބުނެފައިވަނީ، "ރާއްޖެޓީވީއާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން ދިއުމާއި، ފުލުހުން ރާއްޖެޓީވީއަށް ދެމުންދިޔަ ހިމާޔަތް މެދުކަނޑާލާފައި ވާތީއާއި، މީޑިއާތަކުގެ ޚިދުމަތް އިންޒާރެއް ދިނުމެއް ނެތި، ވަގުތުން ހުއްޓުވާނޭ ކަމަށް އެމްއެންޑީއެފުން އަންގާފައި ވާތީ، ރާއްޖެޓީވީގެ އާންމު ބްރޯޑްކާސްޓިން މެދުކަނޑާލި ވާހަކަ ދަންނަވަން،" ކަމަށެވެ.
ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މައުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ގޮތްގޮތަށް، މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ އެ ފަދަ ކަންކަމަކީ ކަންބޮޑުވާ ކަންކަމަށާއި އެހެން ކަމުން އެފަދަ ގައުމީ ސަލާމަތާއި އަދި ސިފައިންގެ ވާޖިބަށް ހުރަސް އެޅޭ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އިންޒާރުދޭ ކަމަށެވެ.
"ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގަން،" ޑިފެންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.