ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ރައީސްގެ ހާއްސަ މަންދޫބެއް އެންމެ ފުރަތަމަ ވެސް ފޮނުވަން ހަމަޖެހިފައި އޮތީ އިންޑިއާއަށް ކަމަށާއި ނަމަވެސް އެކަން ހަމަނުޖެހުނީ އިންޑިއާގެ ވެރިންގެ މަސައްކަތް ހުރި ގޮތުން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް ޔާމީންގެ ހާއްސަ މަންދޫބުންގެ ގޮތުގައި އަވަށްޓެރި ތިން ގައުމަކަށް މިނިސްޓަރުން ވަނީ ވަޑައިގެންފައެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ޕާކިސްތާނަށް ވަޑައިގެންނެވިއިރު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.

ނަމަވެސް އިންޑިއާއަށް މަންދޫބަކު ވަޑައިނުގަތީ ކަމަށް ބުނެ އިންޑިއާގެ ބައެއް ނޫސްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ހާއްސަ މަންދޫބެއް އެންމެ ފުރަތަމަ ވެސް ފޮނުވަން ހަމަޖެހިފައި އޮތީ އިންޑިއާއަށް ކަމަށެވެ.

އެގޮތުން ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ފޮރިން މިނިސްޓަރު ޑރ. އާސިމް ކަމަށާއި ނަމަވެސް އިންޑިއާ ސަރުކާރުގެ އެދިވަޑައިގަތުމަށް އެ ދަތުރުފުޅު ކެންސަލް ކުރެއްވީ ކަމަށް އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުން އެކަމަށް އެދިވަޑައިގަތީ އެގައުމުގެ ވެރިންގެ މަސައްކަތް ހުރި ގޮތުން ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެ އެދިވަޑައިގަތުން ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

އެގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިވަގުތު ވެސް ގައުމުން ބޭރުގައި ހުންނެވިއިރު ބޮޑުވަޒީރު ނަރެންދުރާ މޯދީ މި ހަފްތާގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.