ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މީގެ ކުރިން ފާރިސް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ އޭނާ މިނިވަންކޮށް ދޫކޮށްލައިފައެވެ. އެއަށް ފަހު މިއަދު މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ އަނެއްކާވެސް ކޯޓުއަމުރެއްގެ ދަށުން ފާރިސް ހައްޔަރުކޮށްފައެވެ. މިފަހަރުވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ހަމަ ކުރިންވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތީން ފާރިސް ހައްޔަރުކުރުމަށް މިއަދު ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ، "2017 ވަނަ އަހަރުގެ މޭ މަހުގެ މެދެއްހާ ހިސާބުގައި އަޙްމަދު ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް، ފައިސާ ބެހިކަމަސް ތުހުމަތުކުރެވޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް"ގައި ކަމަށެވެ.

ހައްޔަރުކުރުމަށް ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައި ވަނީ، ފާރިސް ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރެއްޖެ ނަމަ، ފުލުހުން ތަހުގީގުކުރަމުން ގެންދާ މައްސަލައަށް ބޮޑެތި ހުރަސްތަކެއް އެޅި، އެކަމާ ގުޅުންހުރި ހެކިތައް ފޮރުވައި، ހެކިދޭން ތިބި ފަރާތްތަކަށް ވެސް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ފާރިސް މިއަދު ހައްޔަރުކޮށްފައި ވާއިރު، ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ، ސަރުކާރު ވައްޓާލަން މަސައްކަތްކުރުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.