08 Feb 2018, 18:55
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުބާއްވާ ވަރުގެ މިނިވަން އިންތިހާބެއް މި އަހަރު އޮންނާނެ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި ހިނގާ ކަންކަމާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"ހިނގައިގެން މިއުޅެނީ ރާއްޖޭގެ ރިޔާސީ އިންތިހާބާ ގުޅުންހުރި ކަމެއް ނޫން. މިކަމުގެ ސަބަބުން ރާއްޖޭގައި 2018ގައި އޮންނަ ރިޔާސީ އިންތިހާބަކަށް އެއްވެސް އަސަރެއް ނުކުރާނެ. ރާއްޖޭގައި ދުވަހަކުވެސް ނުބޭއްވޭ ވަރުގެ މިނިވަން ރިޔާސީ އިންތިހާބެއް ރައިސް ޔާމީނުގެ ވެރިކަމުގައި ބާއްވާނެ،" އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ، ކިތަންމެ ބޮޑު ރާޅެއް ނެގިޔަސް ޕީޕީއެމްއިން އެ ތިބީ އެފަދަ ކަންކަމަށް ވިސްނައިގެން ކަމަށެވެ.
"ކޮންމެ ރާޅެއް ނެގިޔަސް އެ ރާޅުން ސަލާމަތްވުމުގެ ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަން އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީންގެ އެބަހުރި. އެކަންކަމުން އަޅުގަނޑުމެން މަދަދަށް އެދި ދަންނަވަނީ މާތްﷲ ގެ ހަސްރަތަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަންކޮށްފާނޭ ނުވަތަ ނުކުރާނޭ ބުނަން ޕީޕީއެމްއަށް ނޭނގޭ ކަމަށާއި އެކަމަކީ އެ ޕާޓީގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދުރޭ ވަނީ ރައީސް ޔާމީން ހޯއްދެވި ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރުމަށް ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ހަރަކާތެއް ހިންގުމަށް ގޮވާލާފައެވެ.