08 Feb 2018, 16:41
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ރޭ އެއްވެސް މީހަކު ޖަލަށް ލާން ހުކުމް ނުކުރާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
އެރޭ ސުޕްރީމް ކޯޓަށް ވަން ސިފައިންނާ ފުލުހުންނަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާ ހަވާލާ ދީ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ ކޯޓުން ބަލާ މައްސަލަތައް ނިންމަން ވަނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ގާނޫނުއަސާސީގެ ގާނޫނުއަސާސީއާއި ކޯޓުތަކުގެ ގާނޫނުގައިވެސް ބަޔާން ކޮށްފަައި ވާކަމަށެވެ.
އަދި ސުޕްރީމް ކޯޓުން އެއްވެސް ބާވަތެއްގެ ހުކުމެއް އަދި އަމުރެއް ވިޔަސް ނެރެވޭނީ އެ ކޯޓުގައި އެވަގުތު ތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންކަން ސުޕްރީމް ކޯޓު ގަވައިދުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންނަށް ފަރުދީ ގޮތުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއް ވިޔަސް ނެރުމުގެ އިހުތިސާސް ދުސްތޫރީ ގޮތުންވެސް އަދި ގާނޫނީ ގޮތުންވެސް ލިބިގެން ނުވާކަމަށް އެނގެން އޮންނަ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
އަދި މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެއްވެސް ފަރާތެއް ޖަލަށްލާން ހުކުމެއް ކޮށްފައި ނުވާނެ ކަމަށް އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.