ޗައިނީސް ސުޕަލީގުގެ ކްލަބެއް ކަމަށްވާ ހިބޭ ޗައިނާ ފޯޗިއުންއިން އަނެއްކާވެސް ބާސެލޯނާގެ ލިއޮނަލް މެސީއަށް ބިޑްކުރަން ތައްޔާރުވެއްޖެއެވެ.

ސްޕެއިންގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ 'މުންޑޯ ޑިޕޮޓީވޯ' އިން ބުނެފައިވަނީ ހިބޭ ޗައިނާ ފޯޗިއުންއިން މެސީގެ ރިލީސް ފީ ދޭން ތައްޔާރު ކަމަށެވެ. އަދި މެސީ މިހާރު ބާސާއަށް ކުޅެމުންދާ މުސާރައަށްވުރެ ބޮޑު މުސާރައެއްވެސް ދޭން އެ ކްލަބުން ތައްޔާރަށް އޮތް ކަމަށް ސްޕެއިންގެ ނޫސްތައް ބުނެއެވެ.

ހިބޭ ޗައިނާއިން މިދިޔަ އަހަރުވެސް މެސީއަށް ބިޑްކޮށްފައިވާއިރު، ބާސާއިންވަނީ އެ ބިޑަށް ނޫނެކޭ ބުނެފައެވެ.

މި ސީޒަންގެ ކުރީ ކޮޅުގައި ބާސާއާއެކު ކޮންޓްރެކްޓް އައުކުރި މެސީއަށް މިހާރު ޖެހެނީ ހަފްތާއަކު 500،000 ޔޫރޯއެވެ. އޭނާގެ ރިލީސް ފީއަކީ 700 މިލިއަން ޕައުންޑެވެ.

އާޖެންޓީނާގެ ގައުމީ ޓީމު އަދި ބާސާގައިވެސް މެސީއާއެކު ކުޅެފައިވާ ހާވިޔާ މަޝަރާނޯގެ އިތުރުން އާޖެންޓީނާގެ ޒެކުއިލް ލަވެއްޒީވެސް މިހާރު ކުޅެމުން އަންނަނީ ހިބޭ ޗައިނާ ފޯޗިއުންއަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ކްލަބުން މި ދެ ކުޅުންތެރިން ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ މެސީ ގެންދިޔުމަށް ފަސޭހަކުރުން ކަމަށެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާގެ ޒަމާންވީ ކްލަބު ބާސާއާއެކު މި ސީޒަންގައި ކުޅުނު 34 މެޗުން 27 ގޯލް މެސީ ޖަހައިފައިވާއިރު، މި ސީޒަންގެ ސްޕެނިޝް ލަލީގާގައިވެސް މެސީވަނީ 20 ގޯލް ޖަހައިފައެވެ.