ސިޔާސީގޮތުން މުޅި ގައުމު ވަރަށް ބޮޑަށް ހަލަބޮލިވެފައި އޮތް ފާއިތު ހަ ދުވަސް ތެރޭގައި ޕީޕީއެމް އަށް 4،000 މީހުން ސޮއި ކޮށްފި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެމްބަރުންގެ ފޯމް ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ހަ ދުވަސް ތެރޭގައި ގިނަ އަދަދެއްގެ މީހުން ޕީޕީއެމްއާ ގުޅުމުން ސުޕްރީމު ކޯޓުގެ އަމުރާ ގުޅިގެން ކުރިމަތިވި ކަންތައްތަކުން ވެރިކަން ކުރެވޭނެ ފަދަ ގާބިލްކަމެއް އިދިކޮޅު ކޯލިޝަންގައި ނެތްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"ރާއްޖޭގައި ވެރިކަން ކުރެއްވި 99 ވެރިންނަށް ވުރެ، ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީން ކުރެއްވި ކަންތައްތައް ގިނަ. އެހެންކަމުން އިތުރު ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު ވެރިކަމަށް ގެންނަން ޖެހެނީ ކާކުކަމާއި އެމީހަކު ވެރިކަން ކުރަން ޖެހެނީ ކީއްވެކަމާއި ވެރިކަމަށް އަންނަ މީހެއްގެ ކިބައިގައިހުންނަން ޖެހެނީ ކިހާވަރެއްގެ ސާބިތުކަމެއްކަން ހާމަވެ އެނގެންޖެހޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ފަސްޓްލޭޑީ މެޑަން ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ބައެއް މިޖިލިސް މެމްބަރުންނާއި ދައުލަތުގެ މިނިސްޓަރުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.