20 Aug 2011, 12:23
އިސްލާމްދީންގެ ހުދޫދުގެ ތެރެއިން ފަންޑިތަ ހަދަން ދަސްކޮށްދޭ ކޯހެއް ބޭއްވުމަށް ދީނީ ގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް މަސައްކަތްކުރާ، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެމްއެފް) އިން ނިންމައިފި އެވެ.
ޝެއިހް އިބްރާހިމް ފަރީދު އިސްކޮށް އުޅުއްވާ އެ ޖަމްއިއްޔާ އިން ރުޤުޔާގެ ނަމުގައި ބާއްވާ އެ ވޯކްޝޮޕަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ވަނީ އެ ފައުންޑޭޝަންގެ ރަސްމީ ވެބްސައިޓުގައި ހުޅުވާލައިފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފަންޑިތަވެރިކަމުގެ ކޯސް ބާއްވާނީ ސެޕްޓެމްބަރު 15 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ޕުރެކްޓިކަލް ބައިވެސް ހިމެނޭ ގޮތަށް ކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެ އެވެ. އަދި ބުނީ ޕުރެކްޓިކަލް ބައިގައި ހިމެނޭނީ ފަންޑިތަވެރިކަން ޖެހިފައިވާ މީހުންނަށް އަމަލީ ގޮތުން ފަރުވާކޮށް ކޯހުގެ ބައިވެރިން އެކަމަށް ފަރިތަކުރުން ކަމަށެވެ.
ކޮންމެ ބައިވެރިއެއްގެ އަތުން 350ރ. ގެ ފީއެއް ނަގައިގެން ބާއްވާ އެ ކޯހުގައި ކިޔަވައިދެއްވާނީ ޝެއިހް ފަރީދުގެ އިތުރުން މުހަންމަދު މަޒީދު އާއި އަހުމަދު ސޮބާހުގެ އިތުރުން އަހުމަދު ފައިސަލް ކަމަށް އެ ޖަމްއިއްޔާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރުޤުޔާ އަކީ ގުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ގޮތުގައި، ފަރުވާދިނުމަށް ހެދޭ ފަންޑިތަ އެވެ.