08 Feb 2018, 19:24
ދިވެހިރާއްޖެއަށް ދިމާވާ މިފަދަ ހިތާމަވެރި ކަންކަމުގައި އައްޑޫ ސިޓީީއަށް ނިސްބަތްވާ ބައެއްގެ ހިއްސާ އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާ އަލަށް ގުޅުން މެންބަރުން ފޯމުތަކުގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން ގައުމު ހަލަބޮލިވި ހާދިސާއަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، އައްޑޫ ބަޔަކު އެފަދަ ކަމެއްގައި ޝާމިލްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޢަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.
" އަޅުގަނޑަށް ވަރަށް އަސަރުކޮށްފި، ހާއްސަކޮށް ހުޅުދޫ މީދުއަށް ނިސްބަތްވާ މީހަކަށް ވާތީ. އަޅުގަނޑުމެންނަށް މި ދިމާވާ ކޮންމެ ކަމެއްގައި އައްޑޫ ބައެއްގެ ހިއްސާވާތީވެ، އެ ދެރަ އަޅުގަނޑު އެބައޮތް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއްގެ ހިއްސާ އޮތް ނަަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ ގާތް އަދި އެންމެ ގިނަ ރައްޓެހިން ތިއްބެވީވެސް އައްޑޫގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް އަންނަމުންދާ ތަރައްގީ އައްޑޫގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި ހުޅުދޫގެ ތަރައްގީއަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތް ނަމަވެސް މި ސަރުކާރުން ހުޅުދޫއަށް ވަރަށް ބޮޑެތި ތަރައްގީތައް ގެންނަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ހުޅުދޫގައި 200 އަށް ވުރެ ގިނަ ވަޒީފާތައް އުފައްދައި، އަދި މިހާރު އަޅަމުންދާ މަސް ފެކްޓަރީ ހުޅުވުމުން 250އަށް ވުރެ ގިނަ ވަޒީފާ އިތުރުވެގެން ދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މިހާރު އައްޑޫގެ އިސްމެހެލާހެރައިގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އަދި މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތާއި ބޮޑު ހިލަޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަމަށެވެ.