ކާޑު ހެއްދުމާއި، އިތުރު އެކައުންޓް ހުޅުވުމާއި ލުއި ލޯނަށް ހުށަހެޅުން ފަދަ ހިދުމަތްތަަކަށް އޮންލައިންކޮށް، އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސްއިން ފަހިކޮށްދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ވަނީ މި ޚިދުމަތްތައް އެ ބޭންކުގެ އިންޓަނެޓް ބޭންކިންގް ޚިދުމަތަށް ތައާރަފުކޮށްފައެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިހާރު ގޭގައި ތިބެގެންވެސް ކްރެޑިޓް/ޑެބިޓް ކާޑަށް ހުށަހެޅުމާއި، އިތުރު އެކައުންޓު ހުޅުވުމާއި ލުއި ލޯނަށް ހުށަހެޅުމުގެ އިތުރުން ކަސްޓަމަރުންނާ ބެހޭ މައުލޫމާތުތައް އަޕްޓޭޑްކޮށް ބަދަލުކޮށް ހެދޭނެ ކަމަށެވެ.

"ބޭންކަށް ވަޑައިގެން ބޭންކުގެ ކިއުގަ ޖެހުމުގެ ބަދަލުގައި އޮންލައިންކޮށް ގޭގައި ތިއްބަވައިގެން މި ހިދުމަތްތައް ފުރިހަމަ ކޮށްލެވޭނެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ކުރާ މުއާމަލާތް ތަކުގެ ތެރެއިން 90 ޕަސަންޓު މުއާމަލާތްތައް ހިނގަނީ އޮންލައިންކޮށެވެ.

ބީއެމްއެލްއިން ބުނީ، އޮންލައިންކޮށް އެ ހިދުމަތްތައް ބޭނުން ކުރުމަށް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގްއަށް ލޮގްއިންވުމުން އެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި ބޭނުންވާ ހިދުމަތްތަކުގެ ފޯމު އޮންލައިންކޮށް ފުރުމަށްފަހުގައި ބޭނުންވާ ޑޮކިއުމަންޓްތައް އެ ފޯމުގައި އެޓޭޗުކޮށް، އޮންލައިންކޮށް ހުށައެޅުމުން ޚިދުމަތަށް އެދި ހުށަހެޅި ރިކުއެސްޓް ފުރިހަމަކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މިއަދު ތައާރަފްކުރި އާ ހިދުމަތަކީ ބީއެމްއެލްއިން މިމަހުގެ އެއްވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދާ އަހަރެންގެ ބޭންކްގެ ކެމްޕެއިންގެ ދަށުން ތައާރަފްކުރި ހިދުމަތެކެވެ.