08 Feb 2018, 15:09
ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައި ހުންނެވި ބޭފުޅެއްގެ ނަން ވިޔާނުދާ ކަޅު ލިސްޓެއްގައި ލިޔަންޖެހުމުން ހިތާމަ ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެމްބަރުންގެ ފޯމް ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ހަފްލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަދުރޭ އެހެން ވިދާޅުވި ނަމަވެސް ސީދާ ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެ އެވެ.
ނަމަވެސް އަދުރޭ ދެއްކެވި ވާހަކަފުޅުން އެ އިޝާރާތް ކުރައްވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްކަން އެނގެއެވެ.
އިދިކޮޅު ފަރާތްތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމާއި ރައްޔިތުންނަށްވުރެ ބޮޑަށް އަމިއްލަ އެދުންތަށް އިސްކުރާ ބައެއްކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ހިތް ނޭދޭ ބައެއްގެ އަވާގައި ޖެހިގެން އެފަދަ ބޭފުޅުން ޣާފިލް ވެގެން ދިއުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ސަބަބު ތަކެއްވެސް އެބަހުރި. އެއީ ރާއްޖޭގެ ތާރީހުގައި ވަރަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައި ނިޝާން ގާޒީގެ ލަގަބު ހޯއްދަވާފައި އަނެއް ދުވަހު އެއަށްވުރެ ވިޔާނުދާ ކަޅު ލިސްޓެއްގައި ބައެއް ބޭފުޅެއްގެ ނަން ލިޔަންޖެހުނީމަ އެކަމާ މިއަދު ހިތާމަކުރަން،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖެ އަންނަން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުންދިޔަ ނަމަވެސް ރާއްޖެއަށް ބޭރުގެ ބަޔަކު އަރައި މިގައުމު ނުހިފާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަދި ރާއްޖެއަށް މި ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް ރައީސްގެ ލަފާފުޅުގެ މަތީން ސަލާމަތީ ހިދުމަތްތަކުން އަދާކުރި ފުރިހަމަ ދައުރަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.
"ޕާޓީއަށް މިފަހަރު ލިބުނު ކާމިޔާބީއަކީ ލީޑަރެއްގެ އިރުޝާދު އަޅުގަނޑުމެން ބަލައިގަތުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް. އެންމެން ވެސް މަސައްކަތް ކުރެއްވީ ރައީސް ދެއްވި ލަފާފުޅާއެކީގައި ނަތީޖާއަކަށް ވެގެންދިޔައީ ހީކުރި ވަރަށްވުރެ ވެސް ފަސޭހަ ކަމާއެކީގައި ދިމާވި ކަންތައްތަކުން ސަލާމަތްވެގެން ދިއުން،" އަދުރޭ ވިދާޅުވިއެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.