08 Feb 2018, 15:19
އެ ބައެއްގެ ހިޔާލަށް ރިސޯޓު ހަދަން ފަޅު ގަންނަ ފަދައިން ދިވެހި ދައުލަތް ނުގަނެވޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ގައުމަށް ޓަކައި ކަނބަލުން"ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިންތިޒާރު ނުކުރާ ކަމަކީ ރިސޯޓެއް ހަދަން ފަޅެއް ގަންނަ ގޮތަށް ވެރިކަން ގަންނަން ރާއްޖޭގެ ވެރިކަމާއިގެން ދަހިވެފައިވާ ބަޔަކު މަސައްކަތް ކޮށްފާނެ ކަމަށް ކަމަށެވެ.
"އަޅުގަނޑު އިންތިޒާރު ނުކުރާ ކަމަކީ ފަޅެއް ގަންނަ ގޮތަށް ދިވެހި ރާއްޖޭގެ ވެރިކަން ގަންނަން ވެރިކަމާއިގެން ބޫތު ގަންފައި ހުރި މަހުޖަނަކު މަސައްކަތްކުރާނެކަން އަޅުގަނޑުގެ ހިތަކަށް ނުގެނެވޭ. ފަޅުގަންފައި އެބަހުރި. ގޯތި ގަނެފައި އެބަހުރި. މުދާ ގަނެފައި އެބަހުރި. އަޅުގަނޑު ހިތަށް އަރާ މިއިން ކޮންމެ މީހަކު މަހުޝަރުވެގެން ދާނީ މިހުރިހާ އެއްޗެހި ގައިގައި ބަނދެގެން ނޫން ބާއޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ފަހުގެ ތާރީހެއްގައި މި ގައުމުގައި މިހާ އިހުލާސްތެރިކަމާ އެކު ވެރިކަން ކޮށްދެއްވި ބޭފުޅަކު ނުހުންނާނެ ކަމަށާއި އެކަމަށް މުޅި ގައުމު ހެކިވާނެ ކަމަށެވެ.
"އަޅުގަނޑަކީ ދައުލަތުގެ ފައިސާގައި ޖެހިގެން އުޅޭ މީހެއް ނޫން. އަޅުގަނޑަކީ ބޮޑެތި ގަނޑުވަރުތަކުގައި އުޅޭ މީހެއް ނޫން. އަޅުގަނޑު ވެރިކަމަށް އައުމުގެ ކުރިން ވެސް ބުނިން އަޅުގަނޑު މިއީ ލައްޒަތާއި އިއްޒަތުގައި އުޅެން ބޭނުންވާ މީހެއް ނޫންކަމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަނޑިޔާރުންތަކަކަށް ރިޝްވަތު ދީގެން ބަޔަކު ބޭނުންވީ މި ގައުމުގައި އަނެއްކާ ވެސް ފެބުރުއަރީ ހަތެއް ގެނައުމަށް ކަމަށާއި އެކަން ނާކާމިޔާބުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ފުލުހުންނާއި ސިފައިން ގަބޫލުކޮށް، ގައުމަށް ޣައްދާރުވާން ފުރުސަތު ނުދިނުމުން ކަމަށެވެ.
"ވެރިކަން ބޭނުންވާ ވެރިކަމަށް ދަހިވެތިވާ ބަޔަކު މި ގައުމުގައި އެބަތިބި. އެ ދަހިވެތި ކަމުގައި ތިން ހަތަރު މީހަކު ވެގެން ދިވެހި ގައުމު ކުޑަކަކޫ މައްޗަށް ޖައްސާލި ހިތްދަތި ކަމަކީ ތާރީޚުން ނުފިލާނެ ދުވަހެއް. ދިވެހި ރާއްޖެ މަތިން ލޯބިވާ މީހަކު މިދުވަސްމަތިން ހަނދާން ނައްތައެއް ނުލާނެ." ރައީސް ވިދާޅުވި އެވެ.