ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ކިޔްޕީއާރް އިން މިދިޔަ ސީޒަންގައި ރެލިގޭޓްވި ވެސްޓްހޭމްގެ އިނގިރޭސި މިޑްފީލްޑަރު ސްކޮޓް ޕާކާއަށް ހުށަހެޅި ހަތަރު މިލިޔަން ޕައުންޑް ޖޯކެއްގެގޮތުގައި ފާހަގަކޮށް ހުށަހެޅުން ދޫކޮށްލާފައިވާކަމަށް އެ ކުލަބުގެ ވެރިއެއްކަމަށްވާ ޑޭވިޑް ސުލިވަން ބުނެފި އެވެ.

ޕްރެމިއާ ލީގަށް ޕްރޮމޯޓްވުމުން ކިޔްޕީއާރް އިންވަނީ އާ ކުޅުންތެރިންނާއެކު ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކަކަށް ޓިމާއި ގުޅުމަށް ދަޢުވަތުދީފަ އެވެ. ޕްރެމިއާ ލީގުގައި ކިޔުޕީއާރު ކުޅުނު ފުރަތަމަ މެޗުންވެސް ތަފާތު ބޮޑުކޮށް 4-0 ލަނޑުން ބޮލްޓަން އަތުން ވަނީ ބަލިވެފަ އެވެ.

"ހުށަހަޅާފައިވަނީ ވަރަށް ކުޑަ އަގަކަށް. މިއީ އަހަރެމެން ވޭން ރޫނީއަށް 12 މިލިޔަން ޕައުންޑް ހުށަހެޅުން ކަހަލަ ކަމެއް،" ސުލިވަން ބުންޏެވެ.

ޕްރެމިއާ ލީގަށް އެނބުރި އައުމަށް ޕާކާ ބޭނުންވާއިރު އޭނާއަށް ވަނީ ކުލަބަކުން ރަނގަޅު ހުށަހެޅުމެއް ނުލިބިފައެވެ. ކިޔުޕީއާރު އިން ހުށަހެޅި ހުށަހެޅުންވެސް މިވީ ޖޯކަކަށެވެ.

"ސެޕްޓެމްބަރު މަހުގައި ޕާކާ އަހަރެމެންގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނާނެކަމަށް އުންމީދުކުރަން. އަހަރެމެންނަށް އޭނާ ހަތަރު އަހަރު ހިދުމަތް ކުރިކަން ދަންނަން. އިނގިރޭސި ޓީމުން ޖާގަ ހޯދުމުގެ ބޭނުމުގައި ޕްރެމިއާ ލީގުގެ ޓީމަކަށް ބަދަލުވާނެކަން އިޚްތިރާމާއިއެކު ގަބޫލުކުރަން. އެކަމަކު އަހަރެމެންނަށް ޕާކާ ދޫކުރެވޭނީ އަހަރެމެން ހިތްހަމަޖެހޭ ހުށަހެޅުމެއް ލިބުމުން." ސުލިވަން ބުންޏެވެ.