ރެއާލް މެޑްރިޑުން ނޭމާ ގެންދަން ޖެހޭ ކަމަށް ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒޭރިއޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައިވަނީ ރެއާލްއިން ބްރެޒިލްގެ ތަރި ނޭމާ ގެންދިޔުމަށް ޝައުގުވެރިވާކަމަށް ގިނަ މީޑިއާތަކަކުން ބުނެފައި ވަނިކޮށެވެ. މީޑިއާތަކުން މިހެން ބުނި ނަމަވެސް ނޭމާ މިހާރު ކުޅެމުންދާ ޕީއެސްޖީގެ ރައީސް ނާސިރް އަލް ހަލީފާވަނީ ނޭމާ ރެއާލްއަށް ދާން އުޅޭކަމުގެ ވާހަކަތަށް ދޮގުކޮށްފައެވެ.

ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ 'މަރުކާ'އަށް ދިން އިންޓަވިއުއެއްގައި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ބުނެފައިވަނީ ނޭމާއަކީ ހުނަރުގެ ގޮތުން އެންމެ އުހުގައި ހުރި ކުޅުންތެރިއެއް ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް ވުން އެންމެ ގާތީ ނޭމާ ކަމަށެވެ.

"ނޭމާއަކީ ތަފާތު މޮޅު ކުޅުންތެރިއެއް، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނޭމާވާނެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް. ރެއާލްއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅޭ ޓީމު. ރެއާލްއަށް ގެންދަން ބޭނުންވާނެ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. އެހެންވީމަ ރެއާލްއިން ގެންދަންވި ކުޅުންތެރިޔަކީ ނޭމާ،" ކުރިން ރެއާލްއަށްވެސް ކުޅެފައިވާ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ އިންޓަމިލާންއަށް ކުޅުނު ދުވަސްވަރުވެސް އިތުރު ކްލަބަކަށް ނުދާން ހުރިނަމަވެސް ރެއާލްއިން ޝައުގުވެރިކަން ފާޅުކުރި ހިސާބުން އޭނާއަށްވެސް ނޫނެކޭ ނުބުނެވުނު ކަމަށެވެ. ރެއާލްއަކީ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކުވެސް ކުޅެން ބޭނުންވާނެ ކްލަބެއް ކަމަށާއި، ނޭމާވެސް ރެއާލްއަށް ނޫނެކޭ ނުބުނާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ނޭމާއާއި ގުޅިގެން ރެއާލްގެ އޮފިޝަލަކު ރަސްމީ ސިފައެއްގައި އެއްޗެކޭ ބުނެފައިނުވާއިރު، ރޮނާލްޑޯ ބުނީ ޔޫރަޕުގެ ފުޓުބޯޅައަކީ ވަރަށް ވާދަވެރި ފުޓުބޯޅައެއް ކަމަށާއި، އެއް ސީޒަނުން އަނެއް ސީޒަނަށްވެސް އެންމެ މަތީ ފަންތީގައި ދެމި އޮތުމަކީ އުނދަގޫ ކަމެއްކަން ރެއާލްއަށްވެސް ވިސްނޭނެ ކަމަށެވެ. އަދި ވާދަވެރިކަމުގައި ދެމިއޮތުމަށް ނޭމާ ފަދަ ކުޅުންތެރިންނަކީ މުހިއްމު ކުޅުންތެރިން ކަމަށާއި ރެއާލްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވަނީވެސް ރެއާލް ވަރުގަދަ ކުރަން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރެއާލް މެޑްރިޑްގައި ހޭދަކުރި ފަސް ސީޒަންގައި ރޮނާލްޑޯވަނީ 127 މެޗު ކުޅެ 83 ގޯލް ޖަހައިފައެވެ. ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ތިން ފަހަރަށް ހޯދައިފައިވާ ކުޅުންތެރިޔެކެވެ.